ރޭ ފުވައްމުލަކު ސިޓީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހާ މާލެ ގެނެސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ މާރާމާރީގެ ރިޕޯޓު ލިބިފައިވަނީ ރޭ 12:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުނެއެވެ. އަދޮ އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެމީހާވަނީ މާލެ ގެެނެސްފައިކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިމާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ފުވައްމުލަކުސިޓީގައި ރޭގައި ހިނގި މި މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗް އައިސީޔޫގައެވެ. އަދި ކޮށްފައިވާ އަނިޔާގައި މިމީހާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ ކަމަށާއި މިމީހާގެ ގައިގައި ވަނީ ކަރަންޓު ޖައްސަައި އަނިޔާކޮށްފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.