އިނގިރޭސި އެންމެ ކާމިޔާބު ކްލަބު މެންޗެސްޓަރ ޔުނައިޓެޑުގެ ގޯލު 12 އަހަރު ބެލެހެއްޓުމަށްފަހު، މިހާރު ހިނގަމުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެކްލަބް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމަށް ނިންމާފައިވާކަން ޑޭވިޑް ޑެހެއާ މިއަދު އިއުލާން ކޮށްފިއެވެ.

2011 ވަނަ އަހަރު ޔުނައިޓެޑަށް ޑެހެއާ ގެނައީ އެކްލަބާއި އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗް ސަރ އެލެގްސް ފާގަސަންއެވެ. ޑެހެެއާއަކީ ފާގަސަން އެކްލަބަށް ގެނައި ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ކްލަބު ދޫކޮށް ނުގޮސް ހުރި ހަމައެކަނި ކުޅުންތެރިޔާއެވެ.

ޔުނައިޓެޑް ދޫކޮށްލަން ޑެހެއާ ނިންމީ އިންޓަމިލާނަށް ކުޅެމުން އަންނަ ކެމަރޫން ގައުމީ ޓީމުގެ ކީޕަރު އަންދްރޭ އޮނާނާ ގެނައުމަށް ޔުނައިޓެޑް ކޯޗް އެރިކް ޓެންހާގް ނިންމުމުންނެވެ.

އުމުރުން 32 އަހަރުގެ ޑެހެެއާ އެހެން ކްލަބަކާ ގުޅޭނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. ޔުނައިޓެޑް ދޫކޮށްލަން ނިންމިކަން އިއުލާން ކުރުމަށްފަހު ޑެހެއާ ބުނީ މިއީ އައު ޗެލެންޖަކާ ކުރިމަތިލާންވި ވަގުތު ކަމަށް އޭނާ ގަބޫލް ކުރާ ކަމަށެވެ.

މީގެ އިތުރުން ޑެހެއާ ބުނީ އޭނާގެ ހިތުގައި ޔުނައިޓެޑުގެ ނަން އަބަދުވެސް އޮންނާނެ ކަމަށާއި މިއަދު ކެރިޔަރުގައި އޭނާ ހުރި މަގާމަށް އާދެވުނީ ޔުނައިޓެޑުން އޭނާއަށް ކުރި އިތުބާރުގެ ސަބަބުން ކަމަށާއި އެކަން އޭނާ ހަނދާން ނުނެތޭނެ ކަމަށެވެ.