މޮސްކޯ، ޖުލައި 9 /ޓާސް/: ޔޫކްރޭނަށް ކްލަސްޓާ މުނިޝަން ބޮން ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމި ނިންމުމުން ދޭހަވަ ކޮށްދެނީ، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ފުޅާ ކުރުމަށް އެމެރިކާއިން ގެންގުޅޭ ޢުދުވާނީ ސިޔާސަތު ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވެއްޖެއެވެ.

ޒަކަރޯވާ މިހެން ވިދާޅުވީ އެމެރިކާގެ ދިފާއީ ވުޒާރާއިން ކްލަސްޓާ ބޮން ޔޫކްރޭނަށް ފޮނުވުމަށް ނިންމިކަން އިއުލާން ކުރުމުން އެކަމާމެދު ކަންބޮޑުވާކަން ހާމަ ކުރައްވައި ނެރުއްވި ނޫސްބަޔާނެއްގައެވެ. ކްލާސްޓާ މުނިޝަން ބޮމަކީ ހަނގުރާމަތަކުގައި ބޭނުން ކުރުން އ.ދ ގައި ހިމެނޭ 100 އަށްވުރެ ގިނަ ގައުމުން މަނާކޮށްފައިވާ ބޮމެކެވެ.

އެމެރިކާގެ ނިންމުމާ ގުޅިގެން އ.ދ ގެ ސެކްރެޓަރީ ޖެނެލަލް އެންޓޯނިއޯ ގުޓަރެސް އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހިއުމަން ރައިޓްސް ވޮޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ޔޫކްރޭނަށް ކްލަސްޓާ މުނިޝަން ފޯރުކޮށްދިނުމަށް [އެމެރިކާގެ ރައީސް] ޖޯ ބައިޑަން ނިންމި ނިންމުމަކީ ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ އުދުވާނީ ސިޔާސަތު ފާޅުކަން ބޮޑު ގޮތެއްގައި ދައްކުވައިދޭ ކަމެއް" ޒަކަރޯވާގެ ނޫސްބަޔާނުގައި ވިދާޅުވިއެވެ.

ޒަކަރޯވާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ކްލަސްޓަރ ބޮންތަކުގެ ސަބަބުން ޔޫކްރޭނާއި ރަޝިޔާގެ އެތައްހާސް ކުޑަކުދިން ނުރައްކަލަށް ވެއްޓޭނެކަން ޔަގީންވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އޭގެ ފޮޓޯތަކާއި ވީޑިއޯތައް ދުނިޔެއަށް ފެނިގެންދާނެ ކަމަށެވެ.

ކްލަސްޓާ ބޮމަކީ ކުދިކުދި އެތައް ބޮމެއް ބޭނުންކޮށްގެން އުފައްދާފައިވާ ބޮޑު އެއްބޮމެވެ. މިބޮމުގައި ހިމެނޭ ކުދި ބޮންތައް ނުގޮވާ 10 ވަރަކަށް އަހަރު (މައިންތައް ފަދައިން) އޮވެއެވެ. އޭގެ ސަބަބުން ސަރަހްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ސިފައިންނަށް ދިގުދެމިގެންދާ ގޮތަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.

އެމެރިކާއިން ބުނެފައި ވަނީ ޔޫކްރޭނުން ކްލަސްޓާ މުނިޝަންސް "ފަރުވާތެރި" އަދި "ޒިންމާދާރު" ގޮތެއްގައި ބޭނުން ކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ޒަކަރޯވާ މިކަމަށް ރައްދު ދެއްވައި ވިދާޅުވީ "ޔޫކްރޭންގެ ނާޒީ" އަމަލުތައް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ހުރިއިރު، ކްލަސްޓަރ ބޮން ޒިއްމާދާރު ގޮތެއްގައި ޔޫކްރޭނުން ބޭނުން ކުރާނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށެވެ.

ޒަކަރޯވާ އެމެރިކާއަށް ތުހުމަތު ކުރެއްވީ ކްލަސްޓާ ބޮން ޔޫކްރޭނަށް ދިނުމަށް އެމެރިކާއިން ނިންމީ އެމެރިކާ އާއި ނޭޓޯއިން މިހާތަނަށް ޔޫކްރޭނަށް ފޯރުކޮށްދިން ހަތިޔާރުތަކާއެކު ރަޝިޔާއާ ދެކޮޅަށް ޔޫކުރޭނުން ފެށި ކައުންޓާ އޮފެންސިވްގައި އެކަށީގެންވާ ކުރިއެރުންތަކެއް ނުހޯދޭތީ އެކަން ފޫބެއްދުމަށް ކުރި ކަމަކެވެ.