އެކާވިސް އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންޝިޕް ފައިނަލުގައި ރޭ ސްޕެއިން 0-1 އިން ބަލިކޮށް ޗެމްޕިއަންކަން އިނގިރޭސިން ހޯދައިފިއެވެ.
ޖޯޖިއާގައި ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިނގިރޭސިންނަށް ކާމިޔާބު ކޮށްދިނީ މިދިޔަ ސީޒަނުގައި ލިވަޕޫލުން ފާހަގަވި ކޫޓިސް ޖޯންސްއެވެ.
އިނގިރޭސިން މޮޅިވިނަމަވެސް މިމެޗުގައި ގިނަ ހަމަލާތައް އުފައްދައި މޮޅަށް ކުޅުނީ ސްޕެއިނުންނެވެ. އެކަމަކު މިމެޗުގައި ތަރިޔަކަށްވި އިނގިރޭސި ކީޕަރު ޖޭމްސް ޓްރައްފޯޑް ބަލަހައްޓަމުން ދިޔަ ގޯލު ފޫއަޅުވާލެވޭ ގޮތް ސްޕެއިނަށް ނުވީއެވެ. މެޗުގެ އިތުރު ވަގުތުގައި ސްޕެއިނަށް ލިބުނު ޕެނަލްޓީ އަބެލް ރުއިޒް ފޮނުވާލުމުން ޓްރައްފޯޑް ދިފާއު ކުރީއެވެ.
މެންޗެސްޓަރ ސިޓީގެ ކޮންޓްރެކްޓުގައި ހުރެ ލޯން އެއްބަސްވުމެއްގެ ދަށުން ބޯލްޓަން ވޮންޑްރަސްއަށް ކުޅެމުން އަންނަ ޓްރައްފޯޑް ބަލަހައްޓަމުން ދިޔަ އިނގިރޭސި ގޯލަށް މިމުބާރާތުގައި އެންމެ ލަނޑެއްވެއް ވަދެފައެއް ނުވެއެވެ. އަދި މިއީ އިންގްލެންޑުން ޔޫރޯ އެކާވިސް އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކުރި 3 ވަނަ ފަހަރެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އިންގްލެންޑާއި ނިއުކާސަލް ޔުނައިޓެޑުގެ ވިންގަރ އެންތޮނޯ ގޯޑޮންއަށެވެ. ރަންބޫޓް 3 ކުޅުންތެރިޔަކަށް ލިބުނެވެ. އެއީ ސްޕެއިނުގެ ސާޖިއޯ ގޮމޭޒް އާއި އަބެލް ރުއިޒް އަދި ޔޫކްރޭނުގެ ހިއުރްހީ ސުޑަކޯވްއަށެވެ.