މި އަޟްހާ އީދު ދުވަހު ފަތިހު އެކްސިޑެންޓެއްވެ ހާލުދެރަވެގެން އެއާއެމްބިއުލާންސްގައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާދެމުންދާ، ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ހާލަތަށް ކުރިއެރުންތައް ލިބެމުން އަންނަކަމުގެ މައުލޫމާތު ލިބިއްޖެއެވެ. އެހެންނަމަވެސް އަދިވެސް ހަފީޒަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށްވެއެވެ.

ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން އުމުރުން ފަންސާސް އަހަރުގެ ހަފީޒްގެ ގައިގާ، ޖެހުނީ އީދު ދުވަހު ފަތިސް ނަމާދުކޮށްގެން މިސްކިތުން ފައިބައި، މަގުމައްޗަށް ނުކުތް ވަގުތުގައެވެ. އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެންދެވުމާއެކުހެން ހަފީޒަށް ފަރުވާ ދެވެން ފަށާފައި ވަނީ އައިސީޔޫގައެވެ. އަދި ހަފީޒަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ފުރުވާލީ އާއްމުންނާއި ރަހުމަތްތެރިން އަދި ސަރުކާރުގެ ހަރަދުގައި އެއާއެެމްބިއުލާންސެގައެވެ.

ހަފީޒަށް ފަރުވާދޭން ފެށުމަށްފަހު ކޮޗިންގެ ހޮސްޕިޓަލުން ފުރަތަމަ ވެސް ކުރީ އެންމެ ބޮޑަށް ޒަހަމްވެފައިވާ ފައިގެ އޮޕަރޭޝަނެއްކަމަށާއި ދެން ކުރަން ހަމަޖެހިފައިވަނީ މޫނުމަތީގެ އޮޕަރޭޝަނެއް ކަމަށް ވެއެވެ. އަދިވެސް ހަފީޒު ހޭ ނާރާކަމަށްވެސް ވަނީ އެނގިފައެވެ. ނަމަވެސް ހާލަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް އަންނަކަންވެސް ވަނީ އެނގިފައެވެ. އިރާދަކުރެއްވިޔަތީ އެކްސިޑެންޓުގައި ހަފީޒްގެ ސިކުނޑިއަކަށް ގެއްލުމެއް ނުލިބެއެވެ. އެހެންކަމުން މިހާރު އެންމެންވެސް އިންތިޒާރު ކުރަމުން ދަނީ މަޑުމަޑުން ހޭއަރައި ހަފީޒުގެ ހަށިގަނޑު ހަރަކާތްތެރިވާނެ އިރަކަށެވެ.

ހަފީޒު އެކްސިޑެންޓުވި ސައިކަލު ދުއްވި ފިރިހެންމީހާ ވަނީ ކޯޓު އަމުރަކަށް ހައްޔަރުކޮށް މުއްދަތުކޮމިޓީއިން ފަނަރަދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި މިޒުވާނާގެ އަތުގައި ލައިސަންސްނެތްކަމަށް ފުލުހުން ބުނެފައިވާއިރު އޭނާގެ ފަރާތުން ކޯޓުގައި ވަކީލުވަނީ ކަފާލާތަށް ދޫކޮށްލުމަށްވެސް އެދިފައެވެ. ނަމަވެސް އޭނާއަށް މުއްދަތުޖަހާފައި ވަނީ މުޖުތަމައަށް ނުރަައްކާވެދާނެތީ ކަމަށް ބުނެއެވެ.