ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނ. އަތޮޅާއި ރ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ނ. އަތޮޅު އަދި ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން، މި ޖުލައި މަހުގެ 2 އިން 5 އަށް ހިންގި އެ އޮޕަރޭޝަނުގައި ނ. އަތޮޅު ފަޅުރަށަކާއި ދުވާފަރު ބައެއް ސަރަހައްދު އަދި ދޯންޏެއް ބަލައިފާސްކޮށްފައިވެއެވެ.

އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ބޮޑު ރަބަރު ޕެކެޓެއް އަދި 18 ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 25 އަހަރާއި 51 އަހަރާ ދެމެދުގެ އުމުރުގެ 9 މީހުން ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ހަތްދުވަސް، ފަސް މީހުންގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް 11 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.