މި އަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ގޮތުން 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަންއިން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިބްރާހީމް ހަބީބު މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖެއާ ރާއްޖެއިން ބޭރާއެކު މުޅި ޖުމްލަ 604 ވޯޓުލާ ފޮށީ ބެހެއްޓުމަށް އިސީއިން ނިންމާފައިވާކަމަށެވެ.

އޭގެތެރެއިން އަތޮޅުތަކުގެ ރަށް ރަށުގައި ބަހައްޓަނީ 319 ފޮއްޓާއި، ރިސޯޓު ތަކުގައި 78 ވޯޓުލާ ފޮއްޓެވެ. މީގެ އިތުރުން ވިދާޅުވީ ދެން ހުރި ފޮށިތަކުން ބަޔެއް ފޮށިތައް މާލެ ރައްޔިތުންނަށް ވޯޓުލެވޭނެހެން އެކި ސަރަހައްދުތަކުގައި ބަހައްޓާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ފޮށިތައް ބަހައްޓާ ގައުމުތަކަކީ އިންޑިއާގެ ޓްރިވެންޑްރަމް އަދި ނިއު ދިއްލީއާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގެ ކުއަލަލަމްޕޫރުއާއި ސިންގަޕޫރުއާއި ތައިލެންޑްގެ ބެންކޮކްއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީއާއި ޖަޕާނުގެ ޓޯކިޔޯ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ތެރެއިން ސްރީލަންކާގައި ހަތަރު ފޮށި ބަހައްޓާއިރު މެލޭޝިޔާގައި ހަތަރު ފޮށި ބަހައްޓާނެއެވެ. ދެން ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކޮންމެ ގައުމެއްގައި ވެސް ބަހައްޓާނީ އެއް ފޮއްޓެވެ.

ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ. އަދި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަންތަނުގެ ތަފުސީލް މިރޭ އީސީ އިން އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މުޅި ޖުމްލަ މިއަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމުލަ 283،272 މީހަކަށް ލިބިގެންދާނެކަމަށެވެ.