ޓިއުނީޝިޔާ (ޖުލައި 11) - މުސާރަ ބޮޑު ކުރުމަށް އެދި ޓިއުނީޝިޔާ (ތޫނިސް)ގެ ސްކޫލްތަކުގެ ޓީޗަރުން ކުރި މުޒާހަރާތަކާމެދު ސަރުކާރުން ހިތްހަމަ ނުޖެހިގެން 17،000 ޓީޗަރުންގެ މުސާރަ ސަސްޕެންޑް ކޮށް، 350 ޕްރިންސިޕަލުން މަގާމުން އިއްޔެ ވަކި ކޮށްފިއެވެ.

ޓިއުނީޝިޔާގެ ޚަބަރުތައް ބުނާ ގޮތުގައި އެތައްހާސް ޓީޗަރުންގެ މުސާރަ ނުދީ ހިފަހައްޓަން ސަރުކާރުން ނިންމެވުމާއި ގިނައަދެއްގެ ޕްރިންސިޕަލުން މަގާމުން ވަކި ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން މިހާރުވެސް އެތައް ސަތޭކަ ޕްރިންސިޕަޕުން އިސްތިއުފާގެ ސިޓީ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަމުން ގެންދާކަމަށް ވެއެވެ.

މުސާރަ ސަސްޕެންޑް ކުރުމުގެ ސަބަބުން އެގައުމުގެ ޕްރައިމަރީ ސްކޫލްތަކުގެ ގާތްގަނޑަކަށް 30 ޕަސެންޓް ޓީޗަރުންނަށް އަސަރު ފޯރާފާނެއެވެ. ޓީޗަރުން މުސާރަ ބޮޑު ކުރުމަށް އެދި ސަރުކާރަށް ޕްރެޝަރު ކުރަން ފެށީ ޓިއުނީޝިޔާގެ އިޤްތިސާދީ ހާލަތު ދަށްވެ، ޚިދުމަތާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާތީއެވެ.

ޓިއުނީޝިޔާގެ އެޑިއުކޭޝަން މިނިސްޓަރ މުހައްމަދު އަލީ ވިދާޅުވީ ޓީޗަރުންގެ ޑިމާންޑާ އެއްގޮތަށް ޕަބްލިކް ފައިނޭސްއިން މުސާރަތައް ބޮޑު ކުރަން އެއްބަސްނުވާނެ ކަމަށެވެ. މީގެ އިތުރުން މުހައްމަދު އަލީ ވިދާޅުވީ ދަރިވަރުންނަށް ދޭންޖެހޭ ރިޕޯޓް ފޮތް ނުނިންމައި ޓީޗަރުން އިހްތިާޖަށް ނިކުތުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ.

"ދަރިވަރުންނަށް ހައްޤުވާ ގްރޭޑް (ރިޕޯޓް ފޮތް) ނުދީ ޓީޗަރުން އިހްތިޖާޖަށް ނިކުތީ. އޭގެ ސަބަބުން އެތައް ހާސް ދަރިވަރުންގެ ހައްޤު ގެއްލިގެން މިދިޔައީ. މިއީ ޓީޗަރުން ހިންގި ޖަރީމާއެއް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން" ޓީޗަރުންގެ މުސާރަ ނުދީ ހިފެހެއްޓެވި މައްސަލަ ދިފާއު ކުރައްވާ މިނިސްޓަރ މުހައްމަދު އަލީ ވިދާޅުވިއެވެ.

ޓީޗަރސް ޔޫނިއަންގެ އޮފިޝަލެއް ކަމުގައިވާ އިކްބެލް އައްޒާބީ ރޮއިޓާސްއަށް ވިދާޅުވީ އެތައް ހާސް ޓީޗަރުންނަށް މުސާރަ ނުދީ ހިފެހެއްޓުމަށް ޓިއުނީޝިއާ ސަރުކާރުން ނިންމި ނިންމުމަކީ "ޓީޗަރުން ބަނޑަށް ޖެއްސުން" ކަމަށް ސިފަ ކުރައްވާފައެވެ.