މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އަށް ދުވަހުގެ ކާނިވަލެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ. ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާބަންކޯއާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި "މިނިވަން އުފާ ކާނިވާ" ގެ ނަމުގައި ކާނިވަލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެިއތުރުން އެއިއުލާނުގައި ބުނެފައިވާގޮތުގައި ކާނިވަލުގެ ސްޓޯލް ހިންގުމަށް ޝައުގުވެރިވާ ސާދަ ފަރާތަކަށް ވަނީ އެފުރުސަތުވެސް ދީފައެވެ، އަދި ކާނިވަލުގައި ބެހެެއްޓޭނީ ކޮފީ، ލުއި ބުއިންތައް، އައިސް ކްރީމް، ޕޮކްކޯން، ސްނޯ ކޯން އަދި ކަފަ ލޮލީ ފަދަ ތަކެތި، ފާސްޓް ފުޑް ނުވަތަ ލުއި ކާނާ އަދި ހޯމްބޭކާސް ނުވަތަ ތަފާތު ދިވެހި ކާނާކަމަށްވެސް މިނިސްޓަރީން ވަނީ ބުނެފައެވެ.

މި ކާނިވަލުތަކުގެ ތެރެއިން ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ ލިބޭނީ އެ ސްޓޯލް ހިންގާ ފަރާތަށް ކަމަށް ހޯމް މިނިސްޓްރީން ބުނިއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން [email protected] މެއިލް މެދުވެރިކޮށް މިނިސްޓަރިއަށް ހުށަހަޅަން ވާނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި ފާހަގަކުރާ މިނިވަން ދުވަހަކީ ކޮންމެ އަހަރެެއްގެވެސް ޖުލައި 26 އެވެ.