ރިސޯޓެއްގައި އިންޑިޔާ މީހަކު ދިވެހި އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ހަގީގަތް ހޯދަން ފުލުހުން ފަށައިފިއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ، ޖޭ.ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓްގައެވެ.

ނަމަވެސް އެ ރިސޯޓްގެ ފަރާތުން މިހާރު ވަނީ އެ މީހާ އިންޑިއާއަށް ފުރުވާލާފައިވާ ކަމަށާއި އެ އަންހެން މީހާ ރޭޕްކުރީ އެ ރިސޯޓްގެ އެފްއެންބީ މެނޭޖަރަކަށް އުޅުނު އިންޑިއާ މީހެއްކަމަށް މީޑިއަތުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިކަމާ ގުޅިގެން އޭރު ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ވަނީ އެފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ އަޑު ފެތުރިފައިވާ ވާހަކަތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބައެއް މީޑިއާ ގައި އެފަދަ ކަމެއް ރިޕޯޓް ކޮށްފައިވާތީ އެ މައުލޫމާތުގެ ސައްކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ގެންދޭ" ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.