އޭޝިޔާގެ އެތުލެޓިކްސްއަށް ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންދޭ އޭޝިޔަން އެތުލެޓިކްސް އެސޯސިއޭޝަނުންދޭ ލީޑަޝިޕް ޕިން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް (މުންތޭ) އަށް ލިބިއްޖެއެވެ.

މުންތަގިމްއަށް ލީޑްޝިޕް ޕިން ހަވާލް ކޮށްދެވީ މިހާރު ކުރިއަށްދާ އޭޝިޔަން އެތުލެޓިކްސްގެ 25 ވަނަ އަހަރީ ބައްދަލުވުމުގައި އޭޝިޔަން އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ގަތަރުގެ ދަހްލާން އަލް ސަމަދެވެ.

މުންތަގިމްއަކީ 2021 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓުގެ ޝެފް ޑި މިޝަނެވެ. މީގެ އިތުރުން މުންތަގިމް ވަނީ މިދިޔަ މަހު ދެކުނު ކޮރެއާގައި ބޭއްވި އޭޝިޔާގެ ވިހި އަހަރުންދަށުގެ އެތުލެޓިކްސް މުބާރާތުގައި ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

މުންތަގިމްގެ އިތުރުން އޭޝިޔަން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބް ރައީސް އަހުމަދު އަޒީލް އަށް ޑަބްލިއު އޭ ރެފްރީ ބްރޯންޒް ލެވަލް އަރުވައިފައެވެ.