ސްޕެއިނުގެ ރެޒޯޓް ރަށެއް ކަމަށްވާ އިބިޒާގައި ހޭދަކުރަމުންދިޔަ ޗުއްޓީ ނިންމާލުމަށްފަހު އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ، އެމެރިކާގެ އިންޓަމިއާމީއާ ގުޅުމަށް އާއިލާއާއެކު އެގައުމަށް ރޭ ހިނގައްޖެއެވެ.

ފްލޮރިޑާއަށް ނިސްބަތްވާ އިންޓަމިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް މެސީ ދައްކާލުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މެސީއަށް މަރުޚަބާ ކިޔުމަށް އިންޓަމިއާމީއިންނާއި މޭޖަރ ލީގް ސޮކަރއިން ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.

އެމެރިކާގެ އިތުބާރު ހުރި މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އިންޓަމިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދައްކާލުމަށް ބާއްވާ ހާއްސަ ހަރަކާތް ބާއްވާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ގޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމްގައެވެ. މިގޮތަށް މިކަން ހަމަޖެއްސުމަށް މޭޖަރ ލީގް ސޮކަރއިން ކޮންކާކަފް (ކޮންފެޑެރޭޝަން އޮފް ނޯތު، ސެންޓަރަލް އެމެރިކާ، ކެރީބިއަން އެސޯސިއޭޝަން އޮފް ފުޓްބޯލް) އާއި ގޯލްޑް ކަޕުގެ މީޑިޔާ ޕާޓްނަރުން ކަމުގައިވާ ފޮކްސް އާއި ޔުނިވިސަންއާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

ފުޓްބޯޅައިގެ ހުރިހާ ކާމިޔާބީތަކެއް ހޯދުމަށްފަހު އެމެރިކާ މޭޖަރ ލީގް ސޮކަރގައި ވާދަކުރާ އިންޓަމިއާމީއަށް މެސީ ބަދަލުވީ 3 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސީޒަނަކަށް 50 މިލިޔަން ޔޫރޯއަށެވެ.

މެސީ ދެކިލުމަށްޓަކައި، ސްޓޭޑިއަމް (މެސީ ދައްކާލުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމް) ބޭރުގައި ސަޕޯޓަރުން މިހާރުން ފެށިގެން ޖަމާވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

އިންޓަމިއާމީއަށް ބަދަލުވުމުގެ ކުރިން މެސީ ޗުއްޓީ ހޭދަކުރަމުންދިޔައީ ރާއްޖޭގެ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ކަމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން ޚަބަރު ފެތުރިއެވެ. އެކަމަކުގެ ހަޤީގަތް ހޯދުމަށް "ހަލިނިއުސް" އިން ހޯދި މައުލޫމާތުން ކަށަވަރުވީ ރާއްޖެއަށް މެސީ އެތެރެވެފައި ނުވާ ކަމަށާއި އިތާފުށީގައި މެސީ ނެތް ކަމަށެވެ.