ތައުލީމީ ދާއިރާއިންނާއި ދިވެހި ޅެންވެރިކަމުގެ ރޮނގުން ޚިދުމަތްތަކެއް ކޮށްދެއްވި އާމިނަތު ޢައްބާސް އަވަހާރަވެއްޖެއެވެ. އާމިނަތު ޢައްބާސް އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ.

އާމިނަތު ޢައްބާސްއަކީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމަލުގެ ނަމުން މަޝްހޫރު އާމިނަތު ފާއިޒާ އާއި ސައްޔިދު ޢައްބާސްގެ ބޭފުޅެކެެވެ. ރާއްޖޭގެ މަޝްހޫރު އާޓިސްޓް އަޙްމަދު ޢައްބާސް އަކީ އާމިނަތު ޢައްބާސްގެ ބޭބެއެކެވެ.

އާމިނަތު ޢައްބާސް އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ ތައުލީމީ ދާއިރާއިންނެވެ. ރާއްޖޭގެ ތައުލީމު އާންމުކުރައްވަން ރައީސް މައުމޫނުގެ ސަރުކާރުގައި މަސައްކަތް ކުރައްވަން ފެށްޓެވި ދުވަސްވަރު ރާއްޖެއިން ބޭރުން ތަމްރީނު ކުރެއްވި ހެޑްމާސްޓަރުންގެ ތެރޭގައި އާމިނަތު ޢައްބާސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ހެޑްމިސްޓްރެސް އެއްގެ ގޮތުން މަސައްކަތް ކުރެއްވީ ކުޑަ ދުވަސްކޮޅަކުއެވެ. އޭގެ ފަހުން ދިވެހިބަސް ކިޔަވައިދެއްވުމާއި، ޅެންވެރިކަމުގެ މަސައްކަތް ކުރެއްވިއެވެ.