ހއ. ހޯރަފުށީގައި ތަރައްޤީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި

2
އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 16 މަސްދުވަސް

ރާއްޖޭގެ އެންމެ އުތުރުގައި ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ހއ. ހޯރަފުށީ އެއާޕޯޓް އަޅަން ބޭނުންވާ ބިން އެމްޓީސީސީން ހިއްކަން ފަށައިފި އެވެ.

އެ މަސައްކަތް އެމްޓީސީސީން ހޯރަފުށީގައި ފެށީ މިއަދު މެންދުރު އެވެ. ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަނީ މަހާޖައްރާފުންނެވެ. އެއިން ބިން ހިއްކުމުގެ މަސައްކަތް ނިންމާނީ ދެމަސް ދުވަހުންނެވެ. މަހާ ޖައްރާފު ހޯރަފުށްޓަށް ދިޔައީ ވެސް މިއަދު އެވެ. ހޯރަފުށީން މިއަދު ވަނީ މަހާޖައްރާފުގެ ފަޅުވެރިންނަށް މާފަތި ނެށުމާއެކު ފަރިވަޅެއް ދީފަ އެވެ.

ހއ.ހޯރަފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement

އެއަރޕޯޓުގެ އަމަލީ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. އެ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ހޯރަފުށީ އެއާޕޯޓަކީ ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމިނުގެ ސަރުކާރުގައި ހއ ހޯރަފުށި އެއަރޕޯޓް އެރަށާ ކައިރީގައި އޮންނަ މާފިނޮޅުގައި އެޅުމަށް ހަމަޖެހިފައި ވީނަމަވެސް މި ސަރުކާރުން  އެއާޕޯޓު އެޅުމުގެ މަސައްކަތް އަނބުރާ ހޯރަފުއްޓަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހޯރަފުށީގައި ހިއްކާފައިވާ ސަރަޙައްދު މިހާރަށް ވުރެ ބޮޑަށް ހިއްކައި، އެރަށުގައި އެއަރޕޯޓް ހެދުމަށް ސަރުކާރުން ނިންމެވިއެވެ. އަދި އެމަސައްކަތް 16 މަސް ދުވަހުގެ ތެރޭގައި ނިންމާނޭކަމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

ހޯރަފުއްޓަކީ މިވަގުތު ތިންހާސް ހަތަރު ސަތޭއަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

Advertisements

2 COMMENTS

  1. ތި ގޮތަށް ހިއްކައިގެން އެއާރޕޯރޓް އެޅީމަ، ތިމާވެއްޓަށް ގެއްލުން ނުވާނެ ދޯ؟ ކަންކަން ކުރުމުގައި ގަބޫލުކުރެވޭ ގޮތަށް ގަބޫލު ކުރެވޭ ކަހަލަ ވާހަކަ ދެއްކުން ރަނގަޅުވާނެ

  2. ރައީސުލްޖުމްހޫރިއްޔާ ތިޔަ ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޝުކުރިއްޔާ ރައިސް.

Comments are closed.