ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ ''ރައްކާ ކެމްޕެއިން'' ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ކުންފުންޏަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ސިލްވަރ ޕާޓްނަރ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ޓިޖިޓަލް ޕާޓްނަރ އުރީދޫ މޯލްޑިވްސްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާންއެވެ. ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް އެންޑް މާކެޓިންގ މެނޭޖަރ ފާތިމަތު ޖުމާންއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ.

މި ރަސްމިއްޔާތުގައި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު، ރޯޑް ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑުގެ ވިންގުތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.