ރ. ފައިނު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ސަރުކާރުން ނިންމައިފި

0
ތިމާވެއްޓަށް ގެއްލުންވާގޮތަށް އެއްވެސް މަޝްރޭއެއް ކުރިއަށް ނުގެންދަން ސަރުކާރުންވަނީ ނިންމާފައި

ރައީސް ޔާމީންގެ ސަރުކާރުން ރ. ފައިނުގައި ތަރައްގީކުރަން ނިންމި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން މި ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ފައިނު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ރައީސް އޮފީހުން ވެސް ލަފާދީފައިވާ ކަމަށެވެ.

އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކަށް ބެލުމަށް ފަހު ކަމަށް ޒުހައިރު ވިދާޅުވި އެވެ.

Advertisement

ފައިނު އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ބުނީ އެއާޕޯޓު އެޅުމަށް އެ ރަށުން 5792 ރުއްގަސް ކަނޑަންޖެހޭކަމަށެވެ.

އެރަށުގައި ގަސް ހެދިފައި ހުރި ސަރަހައްދުން 38 ޕަސެންޓުގެ ގަސް ކަނޑަން ޖެހޭ ކަމަށާއި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ވެއްޔާއި ފެންފަށަލަ އަދި ރަށުގެ ފިނި ހޫނުމިނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ބުނީ، އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކުމުގެ ސަބަބުން މޫދާއި ފަރުތަކަށް ގެއްލުން ވާނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭނީ ރުއްގަސް ކެނޑުމުން ކަމަށެވެ. އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދުގައި ބޮޑެތި ނިކަ ގަހާއި މަގޫ، ފުނަ، އުނި، ދިއްގާ ފަދަ ގަސްތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެތައް ސަތޭކަ އަހަރެެއް ވަންދެން ދިރި ހުންނާނެ ކަމަށް ބެލެވޭ ގަސްތައްވެސް އެބަހުރި ކަމަށް އީއައިއޭގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ ތެރެއިން ބައެއް ގަސްތަކަކީ އެއާޕޯޓުގެ މަސައްކަތަށް ނަގަން ޖެހޭ ގަސްތަކެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ފައިނުގައި އަޅާ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަންއާ އެވެ.

ފައިނު އެއާޕޯޓްގައި 1320 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް ހެދުމަށް ނިންމި އެވެ.

އެއީ ދެ ސިޓީ ހޮޓަލަކާއި އަޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބް ސެންޓަރެއް ވެސް ހިމެނޭގޮތަށް ތަރައްގީކުރަން ނިންމި އެއާޕޯޓެކެވެ. އަދި އެ އެއާޕޯޓުގައި އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިންގް ސެންޓަރަކާއި މަތިންދާބޯޓު މަރާމާތުކުރަން ރަނގަޅު ފެންވަރެއްގެ ހޭންގަރެއް ހަދަން ވެސް ނިންމި އެވެ. އަދި މި އެއާޕޯޓަކީ ރޭގަނޑުވެސް ބޯޓް ޖެއްސޭ ގޮތަށް ތަރައްގީ ކުރަން ނިންމި އެއާޕޯޓެކެވެ.

Advertisements