އެންމެ އަލިގަދަ ތަރި މުބާރާތް މިއަހަރު ނުބާއްވަން ޕީ.އެސް.އެމް އިން ނިންމައިފި

0
މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ތިނެއްގައި ހިމެނުނު 3 ފަރާތް

ޕީ.އެސް.އެމް އިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ޓީވީ މޯލްޑީވްސް މެދުވެރިކޮށް ގެނެސްދޭ “އެންމެ އަލިގަދަ ތަރި” ޤުރުއާން މުބާރާތް މިއަހަރުގެ ރަމާޟާންމަހު ނުބާއްވާގޮތަށް ނިންމައިފިއެވެ.

މިއަހަރުގެ މުބާރާތް ނުބާއްވާގޮތަށް ޕީއެސްއެމްއިން ނިންމާފައިވަނީ އެންމެ އަލިގަދަ ތަރިއަށް ބޭނުންވާވަރަށް ކުދިން ނުލިބުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިއަހަރުތެރޭގައި ޕްރޮގްރާމް ބޭއްވުމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނެސް ޕްރޮގްރާމް ބާއްވާނެ ތާރީޚެއް ފަހުން ޢިޢުލާންކުރުމަށް ވަނީ ނިންމާފައެވެ.

“އެންމެ އަލިގަދަ ތަރި” މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށާއި އެސްއެމްއެސްގެ ޒަރިއްޔާއިން ނަން ހުށައެޅުމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ޖުމްލަ 24 ބައިވެރިންނެވެ. މީގެ ތެރެއިން 15 ފަރާތެއް ވީޑިއޯ ހުށަހަޅާފައިވެއެވެ. އޮޑިޝަންތަކަށް ފަހު ޖުމްލަ 12 ބައިވެރިންނާއެކު ކުރިޔަށްދާ މި މުބާރާތަށް މިފަހަރު ހުށަހެޅި ވީޑިއޯތަކުން ފެނިގެން ދިޔައީ މުބާރާތަށް ކުރިމަތިލުމުގެ ފެންވަރު ހަމަވާ ހަތަރު ވަރަކަށް ބައިވެރިންނެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.

Advertisement

މުބާރާތް ބޭއްވުމަށް އޮޑިޝަން ބާއްވާ ގިނަ ތައްޔާރީތަކެއް މިއަހަރުވެސް ޕީ.އެސް.އެމްއިން ވެފައިވެއެވެ. އަދި މިއަހަރުގެ މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެންމެ އަލިގަދަ ތަރީގެ ލަޤަބު އެރުވުމަށް ނިންމާފައިވެއެވެ.

ޕީއެސްއެމްގެ މައި ޓީވީ ޗެނަލް ޓެލެވިޜަން މޯލްޑިވްސްއިން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ގެނެސްދޭ “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި”އަކީ ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތެއްގޮތުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 2013ވަނަ އަހަރު ގެނެސްދޭން ފެށި މިމުބާރާތަށް ކޮންމެ އަހަރަކުވެސް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

އެންމެ އަލިގަދަތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމުކޮށްގެން ޢާއްމުންނަށް ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here