ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ، ދެވަނަ ދައުރުގައި ގުޅީ ބަނދަރު ތަރައްގީކޮށް، އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ލެބޯޓަރީިއެއް ހުޅުވައި ގުޅީގައި އޭޓީއެމް ބަހައްޓާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ކާފު އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކާފު ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު އައިއިރު ގުޅީގެ ރައްޔިތުން ތިބީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ކަމަށްވިޔަސް އޭރު ގުޅީ ފެންތައައްޔަރު ކަމުގައިވިޔަސް މިއަދު އެރަށުގެ ފެން ބޯން އެކަށީގެންވާނެކަމަށެވެ. ގުޅީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށާނެ ކަމުގެ އުފާވެރިހަބަރާއެކު ރައްޔިތުންނަށް ނުހަނު ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެފަދަ ހަބަރެއްގެ ގޮތުން އެރަށުގައި އޭޓީއެމް ބަހައްޓައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ގުޅިއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ހަބަރުވެސް ދީފައެވެ.

"ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކުރުމާއި ބަނދަރުގެ ދަތިކަން ތިބޭފުޅުން ދެންމެ ފާހަގަކުރައްވައިފި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި މި ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ގުޅީ ރައްޔިތުންގެ އެންމެ ފުރިހަމަ އަގުލަބިއްޔަތުން އެމަނިކުފާނަށް 2018އިގެ އިންތިހާބުވެސް ކާމިޔާބުވިކަމަށާއި ގުޅިއަކީ ކުރީގެ ސަރުކާރުތަކުގައި އަޅާނުލައި ދޫކޮށްލައިފައި އޮތް ރަށެއްކަމަށް ވިޔަސް މިސަރުކާރުން ގުޅިއަށް ސަމާލުކަމެއްދެއްވާކަމަށެެވެ.