ދިރިއުޅުމުގެ ބިޒީ ކަމުގެ ތެރެއިން ހަފްތާ ނިމިދާ ގޮތްވެސް ނޭނގޭއެވެ. މަސައްކަތުގެ މާހައުލުން ނިކުމެ ގެއަށް އަންނައިރު ގޭގައިވެސް އެތައް ކަމެއް ކުރަން ހުރެއެވެ. މިހުރިހާ ކަމެއް އެއްވެ، ގިނަ ބަޔަކަށް ހަފްތާ ބަންދު ނިމިދަނީ ސްޓްރެސްތަކަށް ހައްލެއް ނުލިބި އިތުރަށް ސްޓްރެސް ކުރުވައިގެންނެވެ.

އެކަމަކު ކުޑަކުޑަ ކަމަކުން ސްޓްރެސްތަަކަށް ބޮޑު ހައްލެއް ހޯދިދާނެ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަން (އޭއެޗްއޭ) އިން ކުރި ދިރާސާއަކުން މިވަނީ ހާމަވެފައެވެ.

ދިރާސާއިން ދެއްކީ ސްޓްރެސް ލުއި ކުރުމަށް އެހެން މީހުންނަށް ކާންދޭންވީ ކަމަށެވެ. ނުވަތަ އެހެން މީހުންނާއެކު ކާންދާންވީ ކަމަށެވެ. ލޯބިވެރިންނާއި އާއިލާގެ މެމްބަރުންނާއި ރަހްމަތްތެރިންނާ އަދި އެކުގައި މަސައްކަތްކުރާ "ކޮލީގުން" ނާއެކު ކެއުންތަކަށް އެކުގައި އިންސާފު ކުރުމުން ސްޓްރެސްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

އެމެރިކާގެ ހާޓް އެސޯސިއޭޝަނުން ކުރި މިދިރާސާއިން ދެއްކީ ބިޒީ ޝެޑިއުލްގައި އުޅެމުން ސްޓްރެސް ލުއި ކުރަން ކަންކަން ފުރިހަމައަށް ރާވައި ސްޓްރެސް ލުއި ކުރަން ވަގުތު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ބަދަލުގައި ކެއުމަށް އިންސާފް ކުރާ ވަގުތަކީ ސްޓްރެސްތަކަށް ލުޔެއް ހޯދިދާނެ ވަގުތަކަށް ހެދި ދާނެ ކަމަށެވެ. ތިމާ ހިތްއެދޭ ނުވަތަ ތިމާ އެބަޔަކަށްޓަކައި އަޅާލަން ބޭނުންވާ ބަޔަކު ގޮވައިގެން ކެއުމަށް އިންސާފް ކުރަންވީ ކަމަށެވެ.

މިދިރާސާއިން ދެއްކީ އެކަނި ކައިބޮއެ ހަދާ މީހުންނަށްވުރެ މަސައްކަތުގައި އެކުގައި އުޅޭ މީހުން ނުވަތަ ލޯބިވެރިޔާއެކު ނުވަތަ އާއިލާ މެމްބަރުންނާއެކު ކެއުމަށް އިންސާފު ކުރާ މީހުންގެ ސްޓްރެސް ލެވެލް %91 ދަށް ކަމަށެވެ. އަދި މަސައްކަތުގެ ބިޒީ ވަގުތުގެ ތެރެއިން ހިތަށް އުފާވެރިކަން ގެނެސްދޭ ކެއުމަކަށް ހުސްވަގުތު ހޯދުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

ދިގުދެމިގެންދާ ސްޓްރެސް މެނޭޖްކުރުމަކީ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުން، އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. ހަށިގަނޑު ކޮންސްޓަންޓް ފައިޓް ނުވަތަ ފްލައިޓް މޯޑެއްގައި ހުންނައިރު، އަހަރެމެންގެ ސްޓްރެސް ހޯރމޯންތައް އެކްޓިވޭޓްވެ، އަނެއްކާވެސް އަހަރެމެންގެ ލޭގެ ޕްރެޝަރާއި ހިތުގެ ދުވެލި ސްޕައިކް ވެދާނެ އެވެ. ކެއުމުގެ ވަގުތުތަކަކީ، ހަމަޖެހުމުގެ އިހުސާސް އުފެއްދުމަށް މަސައްކަތް ކުރެވިދާނެ ވަގުތެކެވެ.

"އެހެން މީހުންނާ ކެއުން ހިއްސާކުރުމަކީ ސްޓްރެސް ކުޑަކޮށް، އަމިއްލަ ނަފްސުގެ އިހުތިރާމް އިތުރުކޮށް، އިޖުތިމާއީ ގުޅުން ރަނގަޅު ކުރުމަށް ރަނގަޅު ގޮތެއް" ޖޯންސް ހޮޕްކިންސްގެ ޕްރިވެންޓިވް ކާޑިއޮލޮޖީގެ އެސޯސިއޭޓް ޑިރެކްޓަރު ޑރ.އެރިން މިޗޯސް ވިދާޅުވި އެވެ.

ހާވާޑް ގްރެޖުއޭޓް ސްކޫލް އޮފް އެޑިއުކޭޝަނަށް ދިން އިންޓަވިއުއެއްގައި ނޮންޕްރޮފިޓް ފެމިލީ ޑިނަރ ޕްރޮޖެކްޓްގެ ޑިރެކްޓަރު އަދި ކޯ ފައުންޑަރ އޭން ފިޝެލް ވިދާޅުވީ ފުރާވަރު ކުދިންނަށްވެސް ސްޓްރެސް މެނޭޖް ކުރަން އާއިލާ ތެރެއިން ދަސްކޮށްދެވޭނެ އެންމެ މޮޅު އެއްގޮތަކީ ކެއުމަށް އިންސާފު ކުރާ ވަގުތުގެ ތެރެއިން ކަމަށެވެ. އާއިލީ ކެއުންތައް ގިނަ ކުރުމާއި ކެއުމުގެ ތެރޭގައި ދަރިފުޅާ ސުވާލު ކުރުން އަދި ދަރިފުޅު ކުރާ ސުވާލުތަކަށް ޝައުގުވެރިކަމާއެކު ވާހަކަ ދައްކައި ހިޔާލް ބަދަލު ކުރުމަކީ އެކުއްޖާއަށް އިހްތިރާމާއި ލޯބި އޮތްކަން ހާމަ ކޮށްދެވޭނެ ކަމެއް ކަމަށެވެ.