ސޯލް (ޖުލައި 15) - ދެކުނު ކޮރެއާގެ މެދުތެރެ އާއި އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ހިނގަމުން އަންނަ ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 22 މީހުން މަރުވެ 14 މީހަކު ގެއްލިފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

ދެކުނު ކޮރެއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ގިނަ މީހުން މަރުވެފައި ވަނީ އުތުރު ގިއޮންގްސަންގް ޕްރޮވިންސުންނެވެ.

މެދު ނުކެނޑި ތިން ދުވަހު ބޯކޮށް ވާރޭވެހުމާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ދިޔުމުން ކައިރީގައި އޮތް ޗުންގްޗެއޮންގް ޕްރޮވިންސްގެ ބޮޑު ޑޭމެއް ފުރިގެން ވަނީ ބަންޑުން ވެފައެވެ. މީގެ ސަބަބުން ޑޭމުން ތިރީގައި ހުރި އަވަށަކުން 6400 މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަން ޖެހުނެވެ.

ފެންބޮޑުވުމާއި ގުޅިގެން ކޮރެއާގެ މެދުތެރޭގެ އަވަށްތަކުގެ މަގުތައް ފުނޑުފުނޑުވެ، އެއްގަމު ދަތުރުތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އަދި އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރުވެފައެވެ.

ބޮޑުވަޒީރު ހާން ޑަކް-ސޫ ވަނީ ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް އަސްކަރިއްޔާގެ ކިބައިން އެދިވަޑައިގެންފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޗުންގްޗެއޮންގް ޕްރޮވިންސްގެ ބިމުގެ އަޑީގައި ހުރި ޓަނަލެއް ތެރޭގައި ތާށިވެފައި ހުރި ވެހިކަލްތަކުގައި ތިބި މީހުން ސަލާމަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.