މ. ނާލާފުށީގައި ސަރުކާރުން އައު އިންޖީނުގެއެއް އަޅައި މިއަދު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. މިއީ އެރަށުގައި ފަންސަވީސް އަހަރު ވަންދެން ހިންގި ގެދަބުޅު އިންޖީނުގެ ދާއިމަށް ނިއްވާލުމަށްފަހު ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ ފުރިހަމަ އިންޖީނުގެއެކެވެ.

މި އިންޖީނުގޭގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އެރަށުގައި ކުރިން ހިންގި އިންޖީނުގެއަކީ މީހުން ދިރިއުޅޭ ހިސާބުގައި ހިންގަމުންދިޔަ ކުޑަ އިންޖީނުގެއެކެވެ. އެތަނުގައި އޮފީހެއް ނުހުރެއެވެ. އެއީ ސަތޭކަ ފަންސާސް އަކަފޫޓުގެ އިންޖީނުގެއެކެވެ. އެތަނުގައި މަސައްކަތްކުރެވޭނީ އެންމެ ތިން މުވައްޒަފުންނަށެވެ. އޭގެ އިތުރުން އެތަނުން ޚިދުމަތް ދެމުން ގެންދިޔައީ ތިން އިންޖީނު ބޭނުން ކޮށްގެން 288 ކިލޯވޮޓުގެ ކެޕޭސިޓީއާއެކުގައެވެ.

މިއަދު އަލަށް ޚިދުމަތްދޭން ފެށި އިންޖީނުގެއަކީ މީހުން ދިރިނޫޅޭ ސަރަހައްދާ ދުރުގައި ގާއިމްކޮށްފައިވާ އިންޖީނުގެއެކެވެ. އެތަނުގައި އިންޖީނުގޭގެ އިތުރުން އޮފީސް އިމާރާތެއް ވެސް ގާއިމްކޮށްފައިވެއެވެ. އިންޖީނުގޭގެ ބޮޑުމިނަކީ 32×33 ފޫޓެވެ. އޮފީސް އިމާރާތުގެ ބޮޑުމިނަކީ 44×34 ފޫޓެވެ.

ނާލާފުށީގައި ކުރިން ހިންގަމުންދިޔަ ގެދަބުޅި އިންޖީނުގެ

މިއަދު ހުޅުވި އިންޖީނުގެއަކީ ޒަމާނާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ ތަނެކެވެ. އެތަނުގައި ގުދަނަކާއި، ވޯކްޝޮޕަކާއި، އިންޖީންރޫމަކާއި. ކޮންޓްރޯލްރޫމަކާއި، އޮފީސްއިމާރާތަކާއި، ރިސެޕްޝަނަކާއި ލޮބީ އެއް ހިމެނެއެވެ. އޭގެ އިތުރުން ރިސެޕްޝަނަކާއި މެނޭޖަރ ރުމަކާއި، ޕޭންޓްރީގެ އިތުރުން ފާޚާނާއި، ގެސްޓްރޫމަކާއި މީޓިން ރޫމެއް ހިމެނެއެވެ.

އަލަށް ހުޅުވި އިންޖީނުގޭގެ ކެޕެސިޓީއަކީ 528 ކިލޯވޮޓެވެ.