ތިން ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަންތަކުގެ ތެރެއިން ލ. ގަމުގައި ހިންގި އެއް އޮޕަރޭޝަނަކީ ދަނބިދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުމަތިން 25 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 25 އަހަރުގެ މީހާއަށް 15 ދުވަސް އަދި 36 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
އޭގެ އިތުރުން މި މަހު 12 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަމުގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ހޯދާފައިވެއެވެ.
އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 56 އަހަރުގެ މީހަކާއި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި އަށް ސެލޯފިންކޮޅު އަދި ބޮޑު ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ތ. ދިޔަމިގިލީގައިވެސް މި މަހު 13 ވަނަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި، ދިޔަމިގިއްޔަށް ދިޔަ ލޯންޗަކުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު އަދި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
އަދިއެ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.