މުލަކުއަތޮޅު ކޮޅުފުށީގައި ދެ އަހަރަށްދާ ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށާއި ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.

ކޮޅުފުށީ ކައުންސިލްގެ މެންބަރު ޝަބާނާ އަބްދުއްސައްތާރު "ހަލި" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހެނދުނު 10:30ހާ އިރު އެ ކުއްޖާއާއި ހަމަ އެ އުމުރުގެ އެހެން ކުއްޖަކާއެކު ކުޅެން އުޅުނު ކަމަށާއި އެހެން އުޅެފައި ކުޅެން ގެއިން ބޭރަށް ނުކުމެގެން ދިޔައީ ކަމަށެވެ. އަދި މިކުދިންގެ ކާފަ ހޯދަމުން ދަނިކޮށް ފެނުނީ އެރަށު "ހުސޭނުބޭ ރުއްގަނޑު" ކިޔާ ސަރަހައްދާ ދިމާލުން މޫދުން ކަމަށެވެ، މަރުވި ކުއްޖާ ފެނުނުއިރު އަނެއްކުއްޖާ މޫދު ކައިރީގައި ތެމިގެން ހުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޝަބާނާ ވިދާޅުވީ އޭގެ ކުރިން ދުވަހަކުވެސް އެގޮތަށް ގެއިން ބޭރަށް ނުކުމެފައި ނުވާކަމަށާއި އެގޭގެ ވަށައިގެން ފާރުރާނައި ދޮރުވެސް ލައްޕާފައި ހުންނަ ގެއެއްކަމަށެވެ. އެވަގުތު އިއްތިފާގަކުން ދޮރު ހުޅުވިފައި ހުއްޓާ ދެކުދިން ކުޅެމުން ބޭރަށް ނުކުތީކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޝަބާނާ ވިދާޅުވިއެވެ. އަދި އެގެއަކީ އަތިރިމައްޗާ އެހާ ކައިރީގައި ހުންނަ ގެއެއް ނޫންކަމަށް ވެސް ޝަބާނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހިތާމަވެރި ހާދިސާ ދިމާވި ކުޑަކުއްޖާގެ މަންމައާއި ބައްޕަގެ މިނޫން އެހެން ދަރިފުޅަކު ނެތެވެ.

ފުލުހުން ބުނީ އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖަކު މ. ކޮޅުފުށީ ސިއްހީމަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު 11:38 އެހާކަށް ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ އަކީ ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަނިކޮށް މޫދުން ފެނިގެން، ސިއްހީމަރުކަޒަށް ގެންދިޔަ ކުއްޖެކެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.