މުލަކަތޮޅު ދިއްގަރު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން، ދިއްގަރު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތް ޔުނިޓަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރޭޖް ޔުނިޓެއް ހިމެނެއެވެ. މި އިތުރުކުރެވުނު ޢިމާރާތާއެކު ދިއްގަރު ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

ދިއްގަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސްވަނީ އެ ޢިމާރާތް ބައްލަވާލައްވައިލައްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.