ފީއެއް ދައްކަައިގެން ނޫނީ މާލޭގައި ޕާކު ނުކުރެވޭގޮތް ހަދަނީ

0
މާލޭގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއް

ކުރިއަށް އޮތް ތަނުގައި މާލޭގައި އިންޖީނު ލީ އުޅަނދުފަހަރު ޕާކުކުރެވޭނީ ހަމައެކަނި އެކަމަށް ހާއްސަ ޒޯނުތަކުގައި ފީއެއް ދައްކައިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ޓްރެފިކަކަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަށް ވާތީ އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގެން ހައްލު ހޯދަން ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަމާއު ވިދާޅުވި ގޮތުގައި ޓްރެފިކްގެ މައްސަލަ ހައްލުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ކެބިނެޓަށް ވަނީ ހުށައަޅައިފަ އެވެ. އަދި ކެބިނެޓުން ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ސިޓީ ކައުންސިލްގެ ވިސްނުން ހުރީ، މަގުތަކުގައި ޕާކުކުރުމުގެ ބަދަލުގައި ޕާކިން ޒޯނުތައް ހަދައި އެ ތަންތަނުގައި ފީ ދައްކައިގެން ޕާކުކުރެވޭނެ ގޮތްތައް ހެދުމެވެ. އޭރުން ހިނގާ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ޕްލޭނަކީ މަގުތަކުގައި ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ގޮތް ހެދުން. މިހާރު ވެސް މާލޭގައި 60 ޕަސެންޓަކީ ހިނގާފައި އުޅޭ މީހުން. އެމީހުންނަށް ވެސް ފަސޭހަވާނެ ގޮތްތައް ހަމަޖައްސަން ޖެހޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕާކިން ނިޒާމު އޮންނަ ގޮތަށް މާލެ ބަދަލުކުރާނީ،” ޝަމާއު ވިދާޅުވި އެވެ.

މިހާރު ވެސް މާލޭގެ އެކި ހިސާބުތަކުގައި ބޮޑެތި ޕާކިން ޒޯނުތައް ހަދާފައިވެ އެވެ. މި އަހަރު އިތުރު ޒޯންތަކެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ހުރިހާ މަގެއްގެ ޖުމްލަ ބޮޑުމިނަކީ 39 ހެކްޓަރެވެ. މި ސަރަަހައްދުގައި ދުއްވަން 64،000 ސައިކަލާއި 4500 ކާރު/ވޭން ރަޖިސްޓްރީކޮށްފައިވާއިރު ޕިކަޕް/ލޮރީ ފަދަ 2500 އުޅަނދު ދުއްވަ އެވެ.

ޝަމާއު ވިދާޅުވީ އެ ހުރިހާ އުޅަނދުތަކެއް ވެސް ޕާކުކުރަން ޖެހެނީ އެ 39 ހެކްޓަރުގެ ތެރޭގައި ކަމަށެވެ.

“ޕާކިން މައްސަލަ ހައްލުކުރަން އަށް އޭކަރުގެ ބިން ބޭނުންވޭ. ފިޔަވަޅުތައް އަޅައިގެން އެކަން ހައްލުކުކުރެވޭނީ،” ޝަމާއު ވިދާޅުވި އެެވެ.

Advertisements