ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. ބަލިވުމާއި ބައްޔަށް ފަރުވާ ހޯދުމަކީ ދުނިޔޭގެ ދިރިއުޅުމުގެ އެއް ހަގީގަތްކަމުން ކިތަންމެ ސިއްހަތަށް ސަމާލުވެ، ހިތްވަރު ކުރަމުންދާ ފަރާތަށްވެސް ބަލިބައްޔަށް ފިލޭކަށް ނޯވެއެވެ. މިކަމުގައި މުއްސަންޖެއް ފަގީރެއް، މޮޅެއް ދެރައެއް ނެތި ހަމަހަމައެވެ. އެހެނެއްކަމަކު ހަޔާތުގެ ކޮންމެ ދުވަހެއްވެސް މަސައްކަތާއި ހިންމަތުން ދިރިއުޅެމުންދާ، އާދައިގެ މީހަކަށް ބައްޔާ ހަނގުރާމަކުރުމަކީ އެތައް ގުނައެއް ބޮޑު ވޭނެކެވެ. މިފަދަ ފަރާތްތަކަށް ބޮޑު ބައްޔަކަށް ފަރުވާ ހޯދުމަކީވެސް އިތުރުވާ ވޭނެކެވެ.

އައްޑޫ ސިޓީގެ ހިތަދޫ ނަޝީދީގެ އަންސާރާ އަހުމަދު، އަންސާރާ އަކީ ވެސް މިދެންނެވިފަދަ ދެވޭން އެއްފަހަރާ އުފުލަމުން އަންނަ އަންހެނެކެވެ. ފަސް އަހަރު ކުރިން ދެ ކިޑުނީ ފެއިލްވި ހިތާމަވެރި ބިރުވެރި ހަބަރު ލިބުނީއްސުރެ، އަންސާރާ އަންނަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭތޯ އެކިގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. ހަފުތާއަކު ތިން ދުވަހު ޑައެލެސިސް ހައްދަން ޖެހިފައިވާ ތިންކުދިންގެ އެކަނިވެރި މަންމައަކަށްވުމުގެ ކުރިން އަންސާރާގެ ބޮޑު، ފުދުންތެރި އާއިލާއެއްވެސް އޮންނަކަމީ ހަގީގަތެކެވެ. އެހެނެއްކަމަކު އާއިލާގެ މާބޮޑު އެހީއެއްނެތި، ތިންކުދިންނާއެކު، އަންސާ އެހެން ނަމަވެސް އާއިލާގެ މާބޮޑު އެހީތެރިކަމެއް ނެތި، ތިންކުދިން ގޮވައިގެން، އަންސާރާ ދިރިއުޅެމުން އަންނަނީ ހިތްދަތި ދިރިއުޅުމެކެވެ.

އަންސާރާއަކީ އެއްޒަމާނެއްގައި އަވަށުގެ ރޫހެވެ. ހިނިތުންވެ، އުފާވެރިކޮޮށް އެންމެނާވެސް ރައްޓެހިކޮށް އުޅެމުންދިޔަ އަންސާރާ މީގެ ފަސްއަހަރު ކުރިން ލަންކާގައި ހެއްދި ބައޮޕްސީ ވަނީ އޭނާގެ ދުނިޔެ އަނދިރިކޮށްފައެވެ. ގަދަފަދަ ބޭހެއް ކެއުމުގެ ހިތިނަތީޖާ ފެނުނީ ކުއްލިއަކަށެވެ. ދެކިޑުނީވެސް ފެއިލްވެފައިކަން އެނގުމާއެކުހެން ޑޮކްޓަރ ދެއްވި އިރުޝާދާ އެއްގޮތަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދޭނެ ގޮތެއް ވޭތޯ އަންސާރާ މަސައްކަތް ފެށިއެވެ. އެކި ފަރާތްތަކަށް އެހީއަށް އެދި އާދޭސް ކުރަމުންދަނިކޮށް އަންސާރާއަށް ހިލޭސާބަހަށް ކިޑްނީއެއްވެސް ލިބުނެވެ. ނަމަވެސް ޓްރާންސްޕްލާންޓް ހަދަން ފުރައިގެންދެވޭނެ އެއްގޮތްވެސް ނުވެ އެނަސީބު ބީވެގެނެް ދިޔައީއެވެ.

އެހިސާބުން ފެށިގެން އަންސާރާ އައީ ހަތަރުއަހަރުވީއިރުވެސް ޑައެލެސިސްް ހަދަމުން، ކިޑުނީއަކަށް އާދޭސްކުރަމުންނެވެ. އެހެެންނަމަވެސް މިކަންވީ ނާކާމިޔާބު މަސައްކަތަކަށެވެ. ރާއްޖެއިން ބޭރަށް، ދެތިން ފަހަރެއްގެ މަތިން ބޭސް ފަރުވާއަށް އަންސާރާ ދިޔައީ އަމިއްލަ ހަރަދުގައެވެ. އޭރު އެގޮތްމިގޮތުން ލިބުނު ދީލަތި އެހީތަކަށް އަންސާރާ ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. އެހެންނަމަވެސް ކިޑްނީއެއް ގަންނާނެހާ ފައިސާއެއް އޭނާއަކަށް ނުލިބުނެވެ.

"ހަލި" ނޫޙަށް އަމިއްލަ ދިރިއުޅުމުގެ ވާހަކަ ކިޔައިދެމުން ދިޔައިރު އަންސާރާގެ ކެތްތެރިކަން ބަންޑުންވެ، ހިތްފުރިގެން ލޯފުރި އެސްފިިޔަތައް ތެމުނެވެ. ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނެވެ. ނުހަނު ބޮޑު ވޭނެއް ތަހައްމަލު ކުރަމުން ދިޔައިރު، ވޭތުކުރަމުން ދިޔަނަމަވެސް ބަރާބަރަށް ކުދިން ސުކޫލަށާއި ޓިއުޝަނަށް ގެންގޮސް ގެނެސް ހެދުމުގައި އަންސާރާ ނުހަނު ސަމާލުވެ އިސްކަންދިނެވެ. ކުދިންދެކެ އިންތިހާއަށް ލޯބިވާ އަންސާރާގެ އެންމެބޮޑު ކަންބޮޑުވުމަކީ، އަދި ހިތާމައަކީވެސް ކުދިންނާއެކު ހަމަޖެހިގެން އުޅެވޭނެ ދުވަހެއް ނުފެނި، ކުދިންގެ މުހިންމު ދުވަސްތައް ލޮލުން ނުފެނިދާނެތީއެވެ. އަންސާރާއަށް ކިރިޔާވެސް އަޅައިލުމެއް ލިބެނީ އޭނާގެ ދޮށީ، ޒުވާންދަރިފުޅުގެ ފަރާތުންނެވެ.

ޑައެލެސިސް ހަދައިގެން އަންނަ ދުވަހު، ގައިގައި އަޅާ ވޭނަކީ ބުނެދޭންނޭނގޭ ވަރުގެ ތަކުލީފުބޮޑު ރިހުންތަކަކަކާއި ތަދުތަކެއްކަމަށް ބުނިއިރު އަންސާރާގެ އަޑުން އޭނަގެ ކެކުޅުން ހާމަވެއެވެ. އަންސާރާ ކިޔައިދިން ގޮތުގައި ކިޑްނީ ލިބުމަށް އެދި ކުރި އެތައް ދުއާއަކާއި އިންތިޒާރަށްފަހު މިއަދު އަންސާރާގެ އެއްބުރަ ވަނީ ލުއިވެފައެވެ. އެހެނެއްކަމަކު އެކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ހުރުމުގެ ހަރަދު ގެ ސުވާލު އަނެއްކާވެސް އޭނާގެ ކުރިމަތީގައި އެނބުރެނީއެވެ. އަންސާރާއަށް ލިބިފައިވާ ކިޑްނީ މިފަހަރު އަތުން ބީވެދާން އެނާ ނޭދެއެވެ. އެންމެ ފުރަތަމަ ކިޑްނީއެއް ލިބުނަސް އޮޕަރޭޝަން ކުރަން ފުރައިގެން ދެވޭނެ ނަސީބު ނުލިބި އެފުރުސަތު ގެއްލުނުގޮތަށް މިފަހަރު ލިބިފައިވާ ކިޑްނީ ގެއްލޭކަށް އަންސާރާ ނޭދެއެވެ.

އެހެންކަމުން މިއީ، އަންސާރާގެ ޓްރާންސްޕްލާންޓަށް، (މިހާރު ލިބިފައިވާ ކިޑުނީ ގެއްލިނުދަނީސް،) ފުރައިގެން ރާއްޖެއިން ބޭރަށް ދާން ވެވުނު މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދި އަންސާރާ ކުރާ އިލްތިމާސްއެކެވެ. އެއްއިރެއްގައި އެތައް އުއްމީދުތަކަކާއެކު، އުފަލުގައި އުޅެމުން އައި އަންސާރާގެ ބަނަވެފައިވާ ހަޔާތަށް އަލިކަމެއް ގެނައުމަށް އެހީގެއަތެއް ދެއްވަވާށެވެ.

ކޮންމެ ނޭވާއަކާއެކު އަންސާރާގެ އުންމީދު އާވެއެވެ. ކޮންމެ ރޭގަނޑަކީ ނިދަމުން އަނެއްދުވަހުގެ އަލިކަން ފެނޭތޯ ދުއާ ކުރަން އޮވެ ނިދެނީ އަވަސް އެހީއެއް ލިބޭތޯ އެތައް އާދޭހެއް ހިތާހިތުން ކުރަމުންނެވެ. މިއީ ތިންކުދިންގެ މަންމައަކު އަލުން ހަޔާތަކަށް އެދި ކުރާ ނިހާއީ އާދޭހެކެވެ. މާދަމާގެ އިރު އޭނާގެ ހަޔާތަށް، އަލުން ހަޔާތެއްގެ އާ ފަތިހަކަށް އަލިވިލިގެން ދިއުމަށް އެދި ކުރާ އާދޭހެވެ. ޑައެލެސިސްފަދަ ފަރުވާއަކަށް ބަރޯސާވެގެން ދިރިއުޅެމުން އަންނަ ޒުވާން ދިވެހި އަނެހެނެއްގެ އިލްތިމާސްތަކެވެ..

އަންސާރާއަށް އެހީވުމަށް ފައިސާ ޖަމާ ކުރައްވާނީ:

  • MVR 7708505270101 އަންސާރާ އަހުމަދު
  • USD 7770000031521
  • އިތުރު މައުލޫމާތު ހޯއްދެއްވަށް ،7203911