ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެމެރިކާގެ މޭޖަރ ލީގަށާއި ޔޫރަޕުގެ ވަރުގަދަ ލީގްތަކުގެ ފެންވަރު ދަށްވެއްޖެ ކަމަށް ބުނެ ފާޑު ކިޔުން އަމާޒު ކޮށްފިއެވެ.

ރޮނާލްޑޯގެ ފާޑު ކިޔުން އެމެރިކާގެ މޭޖަރ ލީގަށް އަމާޒު ކޮށްފައި މިވަނީ އޭނާގެ ޒަމާންވީ ވާދަވެރިޔާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދާދިފަހުން މޭޖަރ ލީގުގެ އިންޓަރ މަޔާމީއަށް ބަދަލުވުމުން މީޑިޔާގެ ސަމާލުކަން އެލީގަށް ވަރަށް ބޮޑަށް ލިބިފައިވާ ދަނޑިވަޅެއްގައެެވެ.

ރޮނާލްޑޯ ބުނީ އެމެރިކާ ލީގާ އަޅާބަލާއިރު ސައުދީ ލީގުގެ ހުރިހާ ގޮތަކުންވެސް އޮތީ ކުރީގައި ކަމަށެވެ. އަދި އެމެރިކާ ލީގަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.

"އަހަރެން ސައުދީ ލީގަށް ބަދަލުވުމުން މިލީގް ދުނިޔެއަށް ހުޅުވިގެން ހިނގައްޖެ. ހުރިހާ ތަރިންގެ މިސްރާބު މިހާރު ހުރީ ސައުދީ ލީގަށް. އަހަރެންގެ ނަޒަރުގައި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ތުރުކީ އާއި ނެދަލޭންޑްސް ލީގަށްވުރެ ސައުދީ ލީގް އޮންނާނީ ކުރީގައި" ރޮނާލްޑޯ ބުންޏެވެ.

އަލުން ޔޫރަޕުގެ ލީގަކަށް ބަދަލުވުމާއި ގުޅޭ ގޮތުން ރޮނާލްޑޯ ބުނީ މިދިޔަ ދެއަހަރެއް ތެރޭގައި ޔޫރަޕުގެ ވަރުގަދަ ލީގްތަކުގެ ފެންވަރު ދަށްވެއްޖެ ކަމަށާއި އިނގިރޭސި ޕްރިމިއަރ ލީގް ފިޔަވައި ކޮލިޓީ ހުރި ލީގެއް ޔޫރަޕުގައި ނެތް ކަމަށެވެ.

ޔޫރަޕުގެ ވަރުގަދަ ލީގުތަކަށް ރޮނާލްޑޯ ފާޑު ކިޔުން އަމާޒު ކުރިއިރު، އާސީޒަނަށް ތައްޔާރު ވުމަށް އަލް ނަސްރުން އިއްޔެ ސްޕެނިޝް ލަލީގާގެ އާދައިގެ ޓމެއް ކަމަށްވާ ސެލްޓަވީގޯ އަތުން 5-0 ގެ ބޮޑު ތަފާތަކުން ބަލިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިމެޗުގެ ފުރަތަމަ ހާފް އެއްކޮށް ރޮނާލްޑޯ ކުޅުނެވެ.