އިދިކޮޅު ޕްރިގްރެސިވް ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި އިށީނދެވަޑައިގެން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަދި ހިޔާލު ފާޅު ކުރަމުން ދަނިކޮށް ފުލުހުން އައިސް އެބޭފުޅުން ވެހިކަލަށް އަރުވައިގެން ގެންގޮސްފިއެވެ.
ގްރީން ޒޯން ނުވަތަ އިހުތިޖާޖު ކުރުމާއި މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ މައިދާނުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތާރިގުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ. ޖުމްހޫރީ މައިދާނަކީ، ގްރީން ޒޯން ނުވަތަ އިހުތިޖާޖު ކުރުމާއި މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭތަކެވެ.
ފުލުހުންނާއި ފުލުހުންގެ އެސްއޯ އިން ވަނީ ދާދި ދެންމެއަކު ޖުމްހޫރީ މައިދާނަށް ވަދެ ހުރިހާ ބޭފުޅުން ފުލުހުންގެ ވެހިކަލަށް އަރުވާފައެވެ. އެވަގުތު އިދިކޮޅު ލީޑަރުން ދިޔައީ އެގޮތަށް އެބޭފުޅުން ދުރު ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ. "ތިހައްދަވަނީ ގޯހެއް. އަޅުގަނޑުމެން ހައްޔަރުކޮށްގެން ތިބޭފުޅުން ތިހައްދަވަނީ ގޯހެއް."
ފުލުނުން ވެހިކަލަށް އަރުވައިގެން ގެންދިޔައީ ކޮންތާކަށް ކަމެއް ސީދާ ސާފުނުވިނަމަވެސް ގެންދިޔަކަންޔަގީނެވެ.
މިއަދުވެސް އެންމެ ފުރަތަމަ އިދިކޮޅުން ދިޔައީ ހައިކޯޓަށް ނަމަވެސް ހައިކޯޓަށް ވަދެވޭގޮތް ނުވުމުން ދެން ވަޑައިގެންނެވީ ޖުމްހޫރީމައިދާނަށެވެ. އިދިކޮޅުން އެކި ހިޔާލާއި ޝުއޫރު ފާޅުކުރަމުން ދިޔައިރު މައިގަނޑު ގޮތެއްގައި ގޮވާލީ ރައީސް ޔާމީން ޖަލަށް ލާފައިވާތީ މިނިވަން ކުރުމާއި ގުޅޭގޮތުން ޝުއޫރުތަކެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށްޓަކައި، ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާގޮތަށް، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމަކީ ލާޒިމު ޝަރުތެކެވެ.
މިޝަރުތު މިހެން އޮތްއިރު އެންމެ ފުރަތަމަ ރިޔާސީ ޓިކެޓް ލިބިލައްވާފައިވާ ރައީސް ޔާމީނަށް ވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެގާރަ އަހަރުގެ ޖަލު ހުކުމެއްކޮށްފައެވެ. އަދި މިހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އިދިކޮޅުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޔާމިން މިނިވަންވަންދެން ރިޔާސީ އިންތިހާބު ފަސް ކުރުމަށް ވެސް ގޮވާލާފައެވެ. އެންމެ ފަހުން އިއްޔެ އިދިކޮޅު ކޯލިޝަންގެ ތިން ލީޑަރުންގެ ނިންމެވުމާއެކު ހެން ރިިޔާސީ ކެންޑިޑޭޓަކުގެ ގޮތުގައި ރައީސް ޔާމީން ނެރުމަށް އެއްބަސްވެއްޖެނަމަ އެކުގައި ރައީސް ސާލިހުގެ ވެރިކަން ނިންމުމަށް ނުކުތުމަށްވެސް ޕީޕީއެމްއިން ވަނީ އެއްބަސްވެފައެވެ.