ފުރާނައިގެ ކާނާ: ހުއްޓާ ނުލާ މަސައްކަތް ކުރުން

ބިޑް އަނބުރާ ކާރުހާނާއެއްގައި މަސައްކަތްކުރި ޒުވާނަކު ނާގިނަ ދުވަހެއް ނުވެ އެ މަސައްކަތުގެ ހުރިހައި ހުނަރެއް ދަސްކޮށްގެން އޭނާގެ އަމިއްލަ ކާރުޚާނާ އެއް ހުޅުވައިފިއެވެ. އޭނާ އެންމެ ފުރަތަމަ އިންވެސްޓް ކުރީ ފަސްހާސް ރުފިޔާއެވެ. އެހެން ނަމަވެސް ފަނަރަ އަހަރު ދުވަހުގެ ބުރަ މަސައްކަތަށް ފަހު އޭނާ ވެގެން ދިޔައީ ބޮޑު ކާރުޚާނާއެއްގެ ވެރިއަކަށެވެ. އެއްދުވަހަކު އޭނާގެ ވިޔަފާރީގެ ކާމިޔާބީގެ ވާހަކަ ރައްޓެއްސަކަށް ކިޔައިދެމުން ބުންޏެވެ. ކުޑަކުޑަ ކުއްޖަކު އުމުރުން ފަނަރަ އަހަރު ވެގެން ބޮޑުވާ ފަދައިން ވިޔަފާރިއެއްވެސް ކުރިއަށް ދަނީ ދިގު މުއްދަތަކުންނެވެ. އަހަރެން މިހައިތަނަށް އައީ ކުއްލިއަކަށް ނޫނެވެ. މިއީ ފަނަރަ އަހަރު ދުވަހުގެ ބުރަ މސައްކަތެވެ.

ވަކި ފަރުދެއްގެ މަސައްކަތަށްވިޔަސް، ގައުމެއްގެ މަސައްކަތަކަށްވިޔަސް، ވިޔަފާރި ނުވަތަ އިޖްތިމާޢީ މަސައްކަތަކަށް ވިޔަސް، ކޮންމެ މަސައކަތެއްވެސް ނިންމައިލެވނީ ” ފަނަރަ އަހަރު” ދުވަހުންނެވެ. އެސްފިޔައެއް ޖަހާލާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކާމިޔާބީ އާ ހަމައަށް ވާސިލްވާން ހިތުގައި އަޅައިގެން ކުރިއަށް ދާ މީހާ އަށް އެ އުޅެވެނީ ހުވަފެނެއްގެ ތެރޭގައެވެ. ފިޔަވަޅެއް އަޅާފައި ފުންމައިގަތުމާއެކު ތިމާގެ މަންޒިލާ ހަމައަށް ދެވިދާނެއޭ ބުނުމަކީ އެންމެ ރަނގަޅުކަމެކެވެ. އެހެން ނަމަވެސް ހަގީގަތާ ކުރިމަތި ލާންޖެހުނީމާ މިއީ ތެދެއް ނޫންކަން އެގި ދެއެވެ. ގްލެން ކަނިންގހަމް އަކީ އެއްމޭލު ދުވުމުގެ ރޭހުގައި ރަނަވަނައެއް ހޯދާފައިވާ މީހެކެވެ. އެއްދުވަހު އޭނާ ކިޔެވި ސްކޫލެއްގައި ހުޅު ރޯވެއްޖެއެވެ. އޭނާއަށް އެދުވަހު ކުރެވުނީ ވަރަށް ބިރުވެރި ތަޖުރިބާއެކެވެ. ފައި ވަރަށް ބޮޑަށް އެނދުމުގެ ސަބަބުން އޭނާއަކަށް ފައި ގުޑުވައެއް ވެސް ނުލެވުނެއެވެ. އޭނާއަށް ހިނގޭނޭ ކަމަށް ނުވަތަ ދުވެވޭނޭ ކަމަށް ޑޮކްޓަރުން ކުރަމުން އައި އުއްމީދު ވަޔަށް ބުރައިގެން ހިނގައްޖެއެވެ. ޑޮކްޓަރުން ބުނި ގޮތުގައި އޭނާ ސަލާމަތް ވާނީ ހަމަ އެކަނި މުޢުޖިޒާތަކުންނެވެ. އެ ދުވަސްވަރު ހައިރާންވާ ފަދަ ގޮތަކަށް ހިނގުމުގެ ނުވަތަ ދުވުމުގެ އެދުން ކަނިންގހަމް ގެ ހިތުގައި ވަރަށް ބޮޑަށް ހިނގައިގެން ފިއެވެ. އޭނާގެ ސިކުނޑީގެ ހުރިހައި މަސައްކަތެއް ކުރަން ފަށައިފިއެވެ. މި މަސައްކަތުގެ ތެރޭގައި އޭނާއަށް ވަރަށް މޮޅު ބުއްދިއެއް ކުރެވިއްޖެއެވެ. އޭނާ ހެދި ގޮތަކީ ފޮރޮޅުލީ ދަނޑިއެއްކަހަލަ އެއްޗެއްގެ އެހީގައި ހިނގަންފެށީއެވެ. ބިންމަތީގައި ފައިތިލަ ޖައްސައިލެވުމާއެކު އޭނާގެ އުއްމީދު އައު ވެއްޖެއެވެ. ވުމާއެކު ހިނގަންކުރި މަސައްކަތް ހަލުއި ކޮށްލިއެވެ. އެންމެ ފަހުން ފެނިގެންދިޔައީ ޑޮކްޓަރުން ބުނި މުޢުޖިޒާތް ފައުޅުވީ ތަނެވެ. އޭނާގެ އައު އީޖާދު ވެގެން ދިޔައީ ވަރަށް ކާމިޔާބު އީޖާދަކަށެވެ. އޭނާ ހަމަ އެކަނި ހިނގީއެއް ނޫނެވެ. ދުވަންވެސް ފެށީއެވެ. ފަހުން އޭނާ ރޭހެއްގައި ބައިވެރި ވީއެވެ. ދުނިޔޭގެ އައު ރިކޯޑެއް ގާއިމުކުރުމަށްފަހު އެއްމޭލު ރޭހުގެ ޗެމްޕިއަނަކަށް ވީ އެވެ. މި ފުރިހަމަ ކާމިޔާބު އޭނާ ހޯދީ އެންމެ ދުވަހަކުން، ދެ ދުވަހަކުން ނޫނެވެ. މި ކާމިޔާބީ އާ ހަމައަށް އޭނާއަށް އާދެވުނީ ފަނަރަ އަހަރު ދުވަހުންނެވެ. ދުވުމުގެ ރޫހުގެ ޗެމްޕިއަނަނަކަށް އޭނާއަށް ވެވުނީ ފަނަރަ އަހަރު ދުވަހުގެ ބުރަ މަސައްކަތުންނެވެ.

Advertisements

ތެދު ތެދަށް ދަންނަވާނަމަ ފަނަރަ އަހަރު ދުވަހު މަސައްކަތް ނުކޮށް މި ދުނިޔޭގައި އެދެވޭ ކާމިޔާބީއެއް ނުހޯދެވޭނެއެވެ. ކުއްލި ކާމިޔާބީ އަކީ ހަމަ އެކަނި އަށް ޚާއްސަ ސިފަ ފުޅެކެވެ. މި ދުނިޔެ ހައްދަވައިފައިވަނީ ކުއްލި ކާމިޔާބީ ލިބޭ ފަދަ ތަނެއްގެ ގޮތުގައެއް ނޫނެވެ. އިންސާނާއަށް ޖެހެނީ ދުނިޔޭގެ ކަންތައްތަކުން ފިޔަވަޅު ލިބިގަންނާށެވެ. ބޭކާރު ކަންތައްތަކުގެ ތެރޭގައި ވަގުތު ނަގާލުމަކީ ކޮށްގެން ވަނޭ ކަމެއް ނޫނެވެ. މި ދުނިޔޭގައި ސިކުންތަކު އެތައްކަމެއް ހިނގައެވެ. އެ ހުރިހައިކަމެއް ހިނގަނީ އިލާހީ ނިޔާފުޅާ އެއް ގޮތަށެވެ. އިންސާނަކު ސިކުނޑީގައި ކައްކާ ކިޔާލީ ފޮލައެއްގެ ސަބަބުން ބިންމަތީން ވިނަ ކޮޅެއްހައި މިންވަރުވަސް އުނިވެގެން ނުދެއެވެ. ގުދުރަތީ ޤާނޫނާ ޚިލާފަކަށް ކުޑަ  ކުޑަ ހިންޏަކަށްވެސް ފިޔަވަޅެއް ނޭޅޭ ނެއެވެ. އެހެން ކަމަށްވާނަމަ ޢިލްމީ ޤާނޫނެއް ބަދަލުކޮށްލުމުގެ ބާރު އިންސާނަކަށް ލިބޭނީ ކިހިނެއްތޯއެވެ؟ ކާމިޔާބީއަށް އޮތް ހަމައެކަނި ގޮތަކީ ގަދަ އަޅައި މަސައްކަތް ކުރުމެވެ. ހުއްޓާ ނުލައި މަސައްކަތް ކުރުމެވެ. އެކަމަކު މި މަސައްކަތް ކުރަންވާނީ އިލާހީ ޤާނޫނު ތަކަށް ބޯލަނބައިގެން، ﷲ ރުއްސަވާ ގޮތް ބަލައިގެންނެވެ. މިއީ ދުނިޔޭގެ ކާމިޔާބީ އާއި އާޚިރަތުގެ ކާމިޔާބީ އަށް އޮތް ހަމައެކަނި މަގެވެ.

Advertisements