މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއާ ބައްދަލުކުރަން ދުރުވި އެމަނިކުފާނުގެ ވަކީލުން ގެންދެވި ލިޔެކިޔުންތައް ޗެކްކުރުމަށް ނުދެއްކުމުން ކަރެކްޝަނުން ވަކީލުންނާ ޔާމީނަށް ބައްދަލުވިޔަނުދީ ހުރަސްއަޅައިފިއެވެ. އަދި ޕީޕީއެމްއިން މިކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ޕީޕީއެމްއިން ކުރި ޓުވީޓެއްގައި ބުނީ ރައީސް ޔާމީންގެ ވަކީލުން މިއަދު މާފުށްޓަށް ވަޑައިގަތުމުން އިމްރާންގެ އެންގެވުމަށް ބައްދަލުވުމަށް ހުރަސް އަޅައި ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރުމުގެ ފުރުސަތުދީފައިނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓުވީޓުގައި ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ގާނޫނުގެ ބޭރުން ހުރަސް އެޅިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖަލު އޮފިސަރުންނަށް ވަކީލުންގެ ފައިލުތައް ބަލައި ހާވަން އަންގާފައި އޮތް ކަމަށާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ލިއެކުންތައް ބަލަން ތިބީ ފޯރި ނަގާފައި ކަމަށް ވިދާޅުވެފައިވާއިރު އަމާންކަމެއް އެބައޮތްތޯ ޖަމީލު ވަނީ ސުވާލުވެސް އުފައްދާފައެވެ.

"ވަކީލުންގެ ބައްދަލުވުން ނުލިބުނު. ނޫނޭ ވާ ވަރަކަށް ބިރު ގަނެއްޖެ. ފައިލްތައް ބަލާ ހާވަން ޖަލު އޮފިސަރުންނަށް އޮތީ އަންގާފަ. ދުސްތޫރީ މައްސަލާގެ ލިއެކުންތައް ބަލަން ފޯރިނަގާފަ ތިބީ. އަމާން ކަމެއް އެބަ އޮތްބާ؟" ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިކަމާ ގުޅިގެން، ޕީޕީއެމްގެ ތަރުޖަމާން، ހީނާ ވަލީދު މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ، ޔާމީންއާ ބައްދަލުކުރަން ވަކީލުންނަށް މިއަދު އޮތީ ވަގުތު ދީފައި ކަަމަށާއި ނަމަވެސް ވަކީލުން މާފުއްޓަށް ވަޑަައިގެން ފަހުން އެ ބައްދަލުވުމަށް ކަރެކްޝަނުން ހުރަސްއަޅާފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވަކީލުންނަށް ޔާމީންއާ ބައްދަލުނުކުރެވުނީ ބައެއް ލިޔެކިޔުންތައް ދެއްކުމަށް އެ ބޭފުޅުން ދެކޮޅު ހެދުމުން ކަމަށެވެ. އަދި އަބަދުވެސް ކޮންމެ ފަރާތަކުން ކޮންމެ ފަރާތަކާ ބައްދަލުކުރުމަށް ޖަލަށް ވަންނަކަމުގައި ވިޔަސް، އޮންނަ އުސޫލާއި ގަވާއިދުގެ މަތިން ޖަލަށް އެއްވެސް އެއްޗެއް ވެއްދޭނީ ޗެކުކޮށްފައި ކަމަށް ކަރެކްޝަނުން ހާމަކުރެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވުމާއެކު ވަގުތު ނުހަނު ކުޑަވެފައިވާ މިދަނޑިވަޅުގައި، ޔާމީންގެ ވަކީލުންނަށް އެ މަނިކުފާނާ ބައްދަލުކުރުމުގެ ހުއްދަ ނުދިން މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. އަދި ހަމަ މިފަދަ ދަނޑިވަޅެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ފޯމު ހުށަހަޅަން ޕީޕީއެމުން ދަނީ މަސައްކަތްވެސް ކުރަމުންނެވެ.