ފުރާނައިގެ ކާނާ: ނުބައި ފިޔަވަޅެއް އަޅަން ކެރުން

އަހުމަދާ އިގްބާ ދެ ރަހުމަތްތެރިން ދިރިއުޅެނީ އެއްރަށެއްގައެވެ. އަޙުމަދަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެން ހުރި މީހެކެވެ. އިގްބާލަށް ކިޔެވިފައި ވަނީ އަށްވަނަ ކްލާހާ ހަމައަށެވެ. އެއްދުވަހަކު ކޮންމެވެސް ކަމެއްގައި އިޤްބާލަށް ކޮންމެވެސް އޮފިހަކަށް ދާން ޖެހިއްޖެއެވެ. އޭނާޔާއެކު އަޙުމަދުވެސް އެ އޮފީހަށް ދިޔައެވެ. އެ އޮފީހަށްދިޔަ މުޢާމަލާ ނިމިގެން ނުކުމެގެން އަންނަމުން އަޙުމަދު އިގްބާލާ ދިމާލަށް ބުންޏެވެ. ” ކަލޭ އިނގިރޭސި ބަހުންވާހަކަ ދެއްކީ ހާދަހާ ހުތުރުކޮށެވެ. ރަނގަޅަށް އިނގިރޭސިބަހުން ވާހަކަ ދައްކަން ނޭނގެންޏާ ވާހަކަ ދައްކާށޭ ކިޔާފައި އަނގަ ހުޅުވައިލާކަށް އަހަންނަކަށް ނުކެރުނީހެވެ.” މިހައި ސީދާ ގޮތަކަށް އޭނާގެ ދެރަވާހަކަ ދެއްކީމާވެސް އިގްބާލް ގެ ގާތަކަށް ރުޅިއެއް ނައެވެ. ވަރަށް ބޮޑު އިތުބާރަކާއެކު އޭނާ ބުނެލިއެވެ. ” ނުބައިކޮށް ވާހަކަ ދައްކާށެވެ. ރަނގަޅަށް ވާހަކަ ދައްކަން ދަސްވާނީ އޭރުންނެވެ. ” މިހެން ބުނެފައި ވާހަކަ ކުރިއަށް ގެންދަމުން އޭނާ ބުންޏެވެ. ” ކަލެއަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެން ހުރި މީހެކެވެ. އަހަރެންގެ އަތަކު ޑިގްރީއެއް ނެތެވެ. އެކަމަކު އަހަރެން ވަރަށް އަވަހަށް ރީތިކޮށް، ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކާތަން ކަލެއަށް ފެންނާނެއެވެ. އެކަމަކު ކަލެއަކަށް އެ ކަމެއް ނުކުރެވޭނެއެވެ.”

އެއީ ވިހި އަހަރު ކުރިއެވެ. މިހާރު އިގްބާލްގެ ވާހަކަ ވަނީ ތެދަކަށްވެފައެވެ. އަޙުމަދު މިހާރުވެސް ހުރީ ވިހިއަހަރުކުރީން އޭނާ ހުރި ފެންވަރުގައެވެ. އެހެން ނަމަވެސް އިގްބާލްވަނީ މީހަކު ހައިރާންވާހައި ބޮޑަށް ކުރިއަށް ގޮސްފައެވެ. މިހާރު އޭނާ އިނގިރޭސި ބަހުން ވަރަށް ރަނގަޅަށް ވާހަކަ ދައްކައެވެ. އޭނާގެ ވާހަކަ އަކުން ގަވާޢިދުގެ ކުށެއް ނުވަތަ އެނޫނަސް ކުށެއް ދެއްކުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.

Advertisement

އޭނާ ޖެހިލުންކުޑަ ކަމާއި ކެރުން ވެގެންދިޔައީ އޭނާގެ ކުރިއެރުމުގެ މައިގަނޑު ސަބަބު ކަމުގައެވެ. ވިހި އަހަރުކުރިން އޭނާ ހިންގީ ވަރަށް ކުޑަކުޑަ ފިހާރައެކެވެ. މިހާރު އޭނާއަކީ ވަރަށް ބޮޑު ކާރު ޚާނާއެއްގެ ވެރިއެކެވެ.

” ނުބައިކޮށް ވާހަކަ ދައްކާށެވެ. ރަނގަޅަށް ވާހަކަ ދައްކަން ދަސްވާނީ އޭރުންނެވެ”. މި މޮޓޯ ވެގެންދިޔައީ އިގްބާލުގެ ދިރިއުޅުމަށް ކާމިޔާބީތަކެއް ގެނެސްދިން މޮޓޯ އަކަށެވެ. އާދެ. އޭނާގެ ކާމިޔާބީގެ ތަޅުދަނޑި އަކީ އެއީއެވެ. އިގްބާލް އޭނާގެ ދިރިއުޅުން ފެއްތި މޮޓޯ އަކީ ހަމައެކަނި ވާހަކަ ދައްކާ ބަހުރުވައަށް ފެތޭ މޮޓޯއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ދިރިއުޅުމުގެ ހުރިހައި ކަމަކަށްވެސް ފެތޭ މޮޓޯ އެކެވެ. މިއަދުގެ ދުނިޔެއަށް ބަލާއިރު ކާމިޔާބީ ހޯދާފައިވާ މީސްމީހުންނަކީ ޖެހިލުން ކުޑަ ހިތްވަރުގަދަ މީހުންނެވެ. ބިރެއް ނެތި ކުރިއަށް ދާ މީހުންނެވެ. އަދި ކެރިގެން ނުރައްކަލާ ކުރިމަތިލާ މީހުންނެވެ. މި ދުނިޔޭގައި ކުރިއަށްގޮސް ކާޟިޔާބީގެ މަންޒިލަށް ވާސިލްވާ މީހުންނަކީ ނުބައިކޮށް ކަމެއް ކުރެވިދާނެތީ ޖެހިލުން ނުވާ މީހުންނެވެ. ތިމާގެ ހަޔާތަކީ އަގެއްހުރި ހަޔާތަކަށް ހެދޭނީ އެކަހަލަ މީހުންނަށެވެ. ނުބައިކޮށް ކަމެއް ކުރެވިދާނެތީ ޖެހިލުންވާ މީހުން އަބަދުވެސް ތިބޭނީ ދިރިއުޅުމުގެ ރޫހުގައި އެންމެ ފަހަތުގައެވެ. އެފަދަ މީސްމީހުންގެ މަންޒިލް އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ދުރު ވަމުންނެވެ.

Advertisements