މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، ޖުލައި މަހުގެ 25ވާ އަންގާރަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިފަހަރުގެ ބައްދަލުވުން ބާއްވަވަނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ.

މީގެ އިތުރުން އެ އޮފީހުން ވިދާޅުވީ ރައީސްގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް އެ އޮފީހުން ދަޢުވަތު ފޮނުއްވަމުން ގެންދަވާކަމަށެއެވެ.

އެ ބޭފުޅުންގެ ތެރޭގައި:

  • ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުން
  • ދައުލަތުގެ އިސްވެރިން
  • ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
  • އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުން
  • ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުން
  • އަދި އެކި ކޮމިޝަންތަކުގެ މެންބަރުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އަދި ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސަރވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އަދި ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށާއި، ޒުވާނުންނަށާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށާއި، ޔުނިވަރސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެއޮފީހުން ވިދާޅުވިއެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން މި ބާއްވަވާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.