ފްރެންސެސްކޯ މޮރިއޭރޯއަށް ރާއްޖޭ ގައުމީ ޓީމުގެ ކޯޗް ކަމުގައި ހުންނަން ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމާއެކު މޮރިއޭރޯ ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް އޮގަސްޓް މަހު ހަމަވާނެއެވެ.

ގައުމީ ޓީމުން މޮރިއޭރޯ ބޭރު ކުރަން ނިންމާފައިވާކަން ބައްސާމް އިއުލާން ކުރީ، އެފްއޭއެމްގެ އައު ޓެކްނިކަލް ޑިރެކްޓަރ ޕޯލް ސްމޯލީ ތައާރަފް ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

"މިހާރުގެ ކޯޗް މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވާނެ ކުރިއަށް އޮތް މަހު. އަޅުގަނޑުމެންގެ ވިސްނުމަކީ މޮރިއޭރޯގެ ކޮންޓްރެކްޓް އާނުކޮށް، މިހާރު އެސިސްޓެންޓް ކޯޗަކަށް ހުރި އަލީ ސުޒޭނާ ގައުމީ ޓީމް ހަވާލް ކުރަން" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މިގޮތަށް ހަދަން ނިންމީ ވަރަށް ކައިރީގައި 23 އަހަރުން ދަށުގެ ގައުމީ ޓީމް ވާދަކުރަން ޖެހޭ މުބާރާތެއް އޮތުމުން އާކޯޗެއް ގެނެސްގެން ކުޅުންތެރިން ދަސްކުރަން ވަގުތުތަކެއް ނަގާނެތީވެ، ކުޅުންތެރިން ރަނގަޅަށް ދަންނަ ކޯޗެއް ގައުމީ ޓީމުގައި ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

މޮރިއޭރޯގެ ކޮންޓްރެކްޓް އާނުކުރަން ބައްސާމް ނިންމާފައި މިވަނީ، މިމަހު އިންޑިޔާގައި ނިމުނު ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓުމުން ދިވެހި ސަޕޯޓަރުންގެ ނުރުހުން ބައްސާމާއި ކޯޗަށް ވަރަށް ބޮޑަށް އަމާޒުވެ، އެފްއޭއެމް އިސްލާހް ކުރުމަށް ގޮވާލައި "ސޭވް އެފްއޭއެމް" ނަމުގައި ވަރުގަދަ ހަރަކާތެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ.