ފުރާނައިގެ ކާނާ: މަގު ބަންދުވުން

މަގުހެދުމުގެ މަސައްކަތް ކުރަމުންދާއިރު މަގު ބަންދު ބޯޑް ބަހައްޓައިގެން އެމަގެއް ވަގުތީ ގޮތުން ބަންދު ކުރެއެވެ. މަގު ފެށޭ ތާނގައި ބޯޑެއް ބަހައްޓަނީ އެމަގުން ދަތުރުކުރާ މީހުންނަށް މަގު ބަންދު ކޮށްފައި އޮތްކަން އަންގާށެވެ. މި ގޮތަށް މަގެއް ވަގުތީ ގޮތުން ބަންދު ކުރުމަކީ މީހެއްގެ މަންޒިލަށް ވާސިލްވާން އޮންނަ ހުރިހައި މަގެއް ދާއިމީ ގޮތަކަށް ބަންދު ވުމެއް ނޫނެވެ. މަންޒިލަށް ވާޞިލްވެވޭނެ އެހެން އެތައް މަގެއް އޮންނާނެއެވެ. ކުރަންޖެހޭހައިވެސް ކަމަކީ ހޯދައި ބެލުމެވެ. ބައެއްފަހަރަށް ދާންވާތަނަށް ދެވެނީ އުނދަގޫ ، ކަތި މަގުތަކުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަހަލަ ގޮތަކަށް ދިމާވެއްޖެނަމަ ސީދާމަގުން ދާން ހޭދަވާ ވަގުތަށް ވުރެ ގިނަ ވަގުތު ހޭދަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސީދާމަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކަތިމަގެއް ޚިޔާރުކުރަން ޖެހުނު ނަމަވެސް ދަތުރު ކުރަމުން ދާނަމަ އެންމެ ފަހުން މަންޒިލަށް ދެވޭނެކަން ކަށަވަރެވެ.

ޢާންމު ގޮތެއްގައި ދިރިއުޅުމުގެ ދަތުރު އޮންނަ ގޮތަކީ މިއީއެވެ. ފުޅާ، ފަސޭހަ މަގުތަކުން ދަތުރުކޮށްފައި ދާންވާ ތަނަކަށް އަވަހަށް ދިޔުމަކީ ކޮންމެ މީހެއްގެ ހިތުގައިވެސް އޮންނަ އެދުމެކެވެ. އެހެން ނަމަވެސް އެކަހަލަ ފަސޭހަ މަގުތައް ބަންދު ވުމަކީ ވަރަށް ގިނަ ފަހަރަށް މެދުވެރިވާ ކަމެކެވެ. ވުމާއެކު ބޭނުންވާ ތަނަކަށް ދިޔުން އޮންނަނީ ދަތި ކަމަކަށް ވެފައެވެ. އެކަމަކު ބަންދުވާ ކޮންމެ ބޮޑުމަގެއްގެ ބަދަލުގައި ކުދި އެތައް މަގެއް އޮންނަނީ ހުޅުވިފައެވެ. އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އެ ކުދިމަގުތައް ހޯދައިގެން ދަތުރު ކުރުމެވެ.

Advertisement

ދެކޮޅުވެރިޔަކާ ކުރިމަތިލާން ޖެހުނީމާވެސް ކަންތައް ދިމާ ވަނީ މިކަހަލަ ގޮތަކަށެވެ. ބައެއް ފަހަރަށް އެމީހަކާ ކުރިމަތިލުމުގެ ކުލަދާނަކަން ނެތޭ ގޮތްވެއެވެ. މިހެން ދިމާވެއްޖެނަމަ އެމީހަކާ ކުރިމަތިލާނޭ ނުސީދާ ގޮތްތަކެއް ހުރިތޯ ބަލަން ވީއެވެ. އެ ވަގުތު ކުރިމަތިވީ ހާލަތައް ރުހިގެން ހުރެ އެހެން މަގެއް ފެނޭތޯ ބެލުމަށް ވުރެ ބުއްދިވެރި ގޮތެއް ނޯންނާނެއެވެ.

ވަކި ރޮނގަކުން ކުރިއަށް ދާން ބޭނުންވާ މީހާގެ މަގަށް ހުރަސްތަކެއް ކުރިމަތިވާއިރު އެހެން ރޮނގަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނާނީ  ހުޅުވިފައެވެ. ކުރީ ގޮނޑިބަރީން ޖާގައެއް ނުލިބިއްޖެނަމަ ގޮނޑިއެއް ހުސްވެގެން ޖާގަ ލިބެންދެން ފަހަތުބަރީގެ ގޮނޑިއެއްގައި އިންނާށެވެ. ކުރަމުންދާ މަސައްކަތުގައި އަތްބާރު އަޅައިދޭނޭ މީހަކު ނެތިއްޖެނަމަ ހިތްވަރު ކޮށްފައި އެކަނި ކުރިއަށް ހިނގައި ގަންނާށެވެ. ބައެއްގެ އެހީތެރިކަން ނުލިބުނީތީ މާޔޫސްވުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކުރާށެވެ.

ބަންދުވާ ކޮންމެ ދޮރެއްގެ ބަދަލުގައި އެތައް ދޮރެއް ހުލުވޭނެއެވެ. އަޅުގަނޑުމެންނަށް ޖެހުނީ ހުޅުވިފައި ހުރީ ކޮންދޮރަކލުންތޯ ބަލައިގެން ކުރިއަށް ދާށެވެ. ހުޅުވޭ ދޮރުތަކުން ވަދެވޭނީ ހިތްވަރުވެސް ހުރެގެންނެވެ.

Advertisements