އޭނާއަކީ ކަނޑަށާއި ދޯންޏަށް ފަރިތަ ފިސާރި އެންކެޔޮޅެކެވެ. އެންދަމާ ވަގުތުން ފެށިގެން ދޯނި ކަނޑަށް ނުކުމެ މަސްބާނައިގެން އޮޑި ސާފުކުރުމަށްފަހު މަސްކިރާ ނިމެންދެން މި މަސްވެރިޔާ ވެސް ހިތްވަރު ކުރެއެވެ. އެހެން މީހުންނާ އެފަދައިންނެވެ.

މިދައްކަނީ ފަރެސްމާތޮޑާގައި ދުއްވާ ބާޚިރާ ދޯނީގެ އެންކެޔޮޅުގެ ވާހަކައެވެ. ފަރެސްމާތޮޑާ ފަރެސް އަވަށު އަރިސް ޢާލިމް މުޙައްމަދުގެ ވާހަކައެވެ.

މާޒީ

ޢާލިމް ސްކޫލް ނިންމުމަށްފަހު ވަނީ ތަފާތު މަސައްކަތް ކޮށްފައެވެ. އެގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ މެމްބަރު ކަމާއި އެރަށު އިންޖީނުގޭގެ އެޑުމިން އޮފިސަރުކަން އޭނާ ވަނީ ކޮށްފައެވެ. އެ ދެއިދާރާގައި އޭނާ ވަނީ ހީވާގިކަމާއި މުރާލި ކަމާއެކު މަސައްކަތް ކޮށްފައެވެ.

އެ ދެ އިދާރާއަށް ޚިދުމަތް ކުރުމަށްފަހު އޭނާ ވަނީ މަސްވެރިކަމަށް ނުކުމެފައެވެ. މަސްވެރިކަން ކުރާ ހިތުންނެވެ.

މަސް ވެރިކަމަށް ނުކުތުން

ސަރުކާރުގެ ވަޒީފާ އަދާކުރުމަށްފަހު އޭނާ މަސްވެރިކަމަށް ނުކުތީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައެވެ. ކަނޑާއި ގުދުރަތީ ވެށީން ހިތްހަމަޖެހުން ހޯދުމުގެ ނިޔަތުގައެވެ. މިހާރު އޭނާއަކީ ގުދުރަތީ މަންޒަރުތައް ބަލަމުން ހިތްހަމަޖެހުމާއެކު ރަނގަޅު އާމްދަނީއެއް ހޯދާ މަސްވެރި އެކެވެ. އޭނާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާތާ މިހާރު މިވީ ދެ އަހަރެވެ. އެ ދެ އަހަރު ތެރޭގައި މަހަށްފުރާ ކޮންމެ ދުވަހަކީ އޭނާއަށް އުފާވެރި ދުވަހެކެވެ. ހިތަށާއި ސިކުނޑިއަށް އަރާމު ލިބޭ ދުވަހެކެވެ.

ފިސާރި އެންކެޔޮޅެއް

ޢާލިމް މަހަށްދާން ފެށީ އާދައިގެ މަސްވެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތާއި ހިތްވަރުން ކުރިއެރުން ހޯދިއެވެ. މަސްވެރިކަން ރަނގަޅަށް ދަސްކުރިއެވެ. ކަނޑަށާއި އޮޑިއަށް ފަރިތަވެލިއެވެ. އެންމެ ފަހުން ކުޅަދާނަ އެންކޮޅަކަށް ވިއެވެ.

ޒިންމާ

އެންކެޔޮޅެއްގެ ޒިންމާ ވަރަށް ބޮޑެވެ. އެންވަތް ބެލެހެއްޓުމުގެ މޭސްތިރިއަކީ އޭނާއެވެ. އެންތައް މަރުނުވެ ގިނަވަގުތު ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދޯނީގެ އެހެންމީހުންގެ އެހީތެރިކަމާއެކު ބަލަހައްޓަނީ އޭނާއެވެ.

އެންމެ ބުރަ މަސައްކަތް

މަސްވެރިން މަހަށްދަނީ މަސް ބާނާށެވެ. މަސްއައިން ތިލަކޮށް އައިން ދޯނީގެ ކައިރީގައި މަޑުކުރުން އޮންނަނީ އެންކެޔޮޅު އެންއުކާ ގޮތެއްގެ މައްޗަށެވެ. މަސްއައިން ތިލަކުރުމާއި ތިލަވާ މަސްއައިން އޮޑިއާ ކައިރިކުރުމަކީ އެންކޮޅުގެ އެންމެ ބޮޑު ޒިންމާއެވެ. މަސް އައިން ތިލަވެގެން އަންނަވަތު އޮޑީގެ ދެފަރާތުން މަސްގަނޑު އަރައި ބުޅިއާ ހަމައަށް މަސްތައް ތިލަކުރުން ވެސް އޮންނަނީ އެންކެޔޮޅުގެ އަތްމަތީގައެވެ.

ހައްސަ ދަނޑިން މަސްބާނައި އޮޑި ބަރާކުރިޔަސް އެންކެޔޮޅަށް ވެސް އެކަމުގެ އެންމެ މަތީ މެޑެލް ދޭންޖެހެއެވެ. އެހެނީ މަސް އައިން އޮޑިޔާ ގަޔާވެ ކައިރިވަނީ އެން އުކާގޮތަކުންނެވެ. "ރަސް އައިނޭމީ މަގޭ އޮޑިޔާކުޅެ ނަގާމިތާ ރޯދީނޭ ތިބޭ ހޭއަރާ" ކިޔަމުން އެންކޮޔޮޅު އެންވަށީގައި ހިފައެވެ. މަސްވެރިން ދޮށީގައި ހިފައެވެ. މަސް ބާނައި ނިމެންދެން އެންކެޔޮޅާއި މަސްބާނާ މީހުން ތިބެނީ ގުޅިލާމެހިފައެވެ.

އެންމެ ބޮޑު ހިތްހަމަޖެހުން

ޢާލިމް ބުނި ގޮތުގައި އޭނާއަށް އެންމެބޮޑު އުފަލެއް މަސްވެރިކަމުން ލިބެނީ ރަނގަޅު އާމްދަނީއެއް ލިބޭތީއެވެ. އެއަށްފަހު ކަނޑުމަތީގައި ހޭދަކުރާ ވަގުތުތަކުގައި ފެންނަ ގުދުރަތީ ހިތްގައިމުގެ މަންޒަރުތަކުގެ ސަބަބުންނެވެ. "މިއީ ވަރަށްގިނަ ރަށްރަށަށް ވެސް ދެވޭ މަސައްކަތެއް. ރަށްރަށަށް ދިއުމުން ވަރަށް ގިނަ މީހުންނާ ރައްޓެހިކަން އުފެދޭ. ފަހުން އެމީހުންވަނީ ވަރަށް ރަނގަޅު ރަޙުމަތްތެރިންނަށް. އެފަދަ ރަޙުމަތްތެރިން މަސްވެރިކަމުގެ ދާއިރާއިން ލިބުމަކީ ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމެޖެހުމެއް،" ޢާލިމް ބުންޏެވެ.

ޢާލިމް މަހަށްދާ ބާޚިރާ ދޯނި

ބާޚިރާ

ބާޚިރާއަކީ ރާއްޖޭގައި ދުއްވާ އެންމެބޮޑެތި މަސްދޯނިފަހަރުގެ ތެރޭގައި ހިމެނޭ ދޯންޏެކެވެ. އޭގައި އަޅައިފައިވަނީ 1050 ހޯސްޕަވަރުގެ އިންޖީނެކެވެ. އެހެންކަމުން ދޯނީގެ ދުވެލި މަޑެއް ނޫނެވެ. އޭގައި 37 މީހުންނަށް ދަތިކަމެއް ނެތި އުޅެވެއެވެ. ފުލް އެއާކޮންޑިޝަން ކޮށްފައި ހުންނަ 6 ކޮޓަރި ހުރެއެވެ. 25 އެނދު ހުރެއެވެ. ބާޚިރާގެ އެކޮމޮޑޭޝަން ބޮލޮކަށް ވަދެ ބަލައިލުމުން އެންމެ ބޮޑަށް ވައްތަރީ އެންމެ މިޒަމާނަށް ހަދާފައިވާ ފެމިލީ ރޫމަކާއެވެ. ބެޑުޝީޓާއި ބާލީހުގެ އުރަ އެއްކުލައެވެ. ސާފުތާހިރުކަމުގެ މިސާލެކެވެ.

މިފަދަ ދޯންޏަކުން މަހަށްދާން ފުރުސަތު ލިބިއްޖެނަމަ ކޮންމެ މީހަކުވެސް އުފަލުން ދާނެއެވެ.

ކެއުން ބުއިން

މިޒަމާނުގެ މަސްދޯންޏެއްގެ ކެއުމާއި ސައި ރަށުގައި ބިނާކޮށްފައި ހުންނަ ތިމާގެ އަމިއްލަގެއަށްވުރެ ވެސް ރަނގަޅެވެ. ހެނދުނު ބަޓަރާއި ޖޭމާއި، ޕާނާއި ރޮއްޓާއި، ރިހައާއި، ކުޅިމަހާއި އެމީހަކު ބޭނުންވާ ވައްތަރެއްގެ ސައި ހުރެއެވެ. ބޭނުން ކޮންމެ ގަޑިއަކު ކިރު ކޮފީއާއި ކަޅު ކޮފީ ލިބެއެވެ. މެންދުރުވެސް އެބަޔަކު ބޭނުންވާ އެއްޗެއް ކާން ލިބެން ހުރެއެވެ. ގަރުދިޔައާއި ރިހައާއި ބަތާއި ރޮށި ލިބެން ހުރެއެވެ. ރޭގަނޑު ވެސް ހަމަ އެފަދައެވެ. ކަނޑުމަހާއި ފަރުމަހާއި ކުކުޅު ރިހަވެސް ލިބެން ހުރެއެވެ. އެހެން ދޯނިފަހަރެކޭ އެއްފަދައިން ބާޚިރާގައި ވެސް ކައްކާއެއް ހުރެއެވެ.

ގޮންޖެހުން

ޢާލިމް ބުނީ މަސްވެރިކަމަކީ ކުރާހިތުން ކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ބާނާ މަސްކޮޅު ނުކުރި އުކާލަން ޖެހޭފަހަރު އައުމަކީ ހިތަށް ލިބޭ ވަރަށްބޮޑު ތުރާލެއް ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރަށް ފަހުން ފައިސާދޭ ގޮތަށް މަސްވެރިންގެ އަތުން މަސް ނެގުމަކީ މަސްވެރިންނާއި އެމީހުންގެ އާއިލާތަކަށް ދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމަށް ވެސް އޭނާ ބުންޏެވެ. "ފައިސާ ނުލިބި އެތައް ބިލެއް ޕެންޑިންގައި ހުރެދާނެ އެތައް ދުވަހެއް ވަންދެން. އެއީ ވަރަށް ދެރަކަމެއް. އެކަން އެހެންވަނީ ވެސް ސަބަބަކާހެދި. އެކަންކަން ރަނގަޅު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކެނީ. އެކަން ރަނގަޅު ކުރަން އެބަޖެހޭ،" ޢާލިމް ބުންޏެވެ.

ބާޚިރާގެ ރެކޯޑު

މިހާތަނަށް ބާޚިރާ އެއްދުވަހަކަށް އެންމެ ގިނައިން ބާނައިފައިވަނީ 48 ޓަނު މަހެވެ. އެދުވަހު ވެސް ބޭނި ހުރިހާ މަހެއް ނުކިރުނެވެ. އަދި އެހާ ދަހި އައިނަކުން މަސް ބާނަން ތިބެފައި ހުއްޓާލީ އިތުރު ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް މަސް ބާނައިފިއްޔާ ރައްކާކުރެވޭނެ ގޮތެއްނެތް. އެއްވެސް ތާކުން އައިސް ލިބޭ ގޮތެއް ނުވި ކައިރި ހިސާބައެއްގައި މަސް ކިރާލެވޭނެ ތަނެއްނެތް. އެންމެފަހުން ދެލޮލުން ކަރުނަ އަޅަމުން މަސް އައިން ދޫކޮށްލާފައި މަސްކޮޅު ކިރަން ދުއްވައިލީ،" ޢާލިމް ބުންޏެވެ. އޭނާ ބުނީ އެދުވަހަކީ ރާއްޖޭގެ ރެކޯޑު ވެސް މުގުރާލެވިދާނެ ދުވަހެއް ކަމަށެވެ. އެދުވަހު ދިމާވި މަސްއައިނުގެ ދަހިކަމުން 100 އަށް ވުރެ ގިނަ ޓަނު މަސް ބޭނުނީސް ކަމަށް އޭނާ ބުންޏެވެ.

އެދުވަހު ވެސް އެން އުކަންހުރީ ޢާލިމެވެ. އެއީވާ ދުވަހެކެވެ. އެން އުކަމުން އެދުވަހު އޭނާ ވަނީ ދޮށިވެސް އަޅައިފައެވެ. އަޅާ ކޮންމެފަހަރަކު އަށެއްކަމަސް ހަފޮޅުން އެތެރެ ކޮށްލައެވެ. އަނެއްކާ އޭނާ ހިފަނީ އެން ވަށީގައެވެ. އެއީ ވަރަށް މަދުން ނޫނީ ނުލިބޭ ފުރުސަތެކެވެ. އެދުވަސް މަސް އައިން އޮޑިޔާވެފައި ހުރީ އަޖައިބެއް ފަދަ ގޮތަކަށެވެ.

"އެދުވަހު މަސްގަނޑު އަރައިގެން އައިރު ހީވަނީ ކަނޑު އަޑިން ބިޔަ ލަޝްކަރެއް އަރައިގެން އައިހެން. މުޅި ހިސާބު އޮތީ އެކަތިގަނޑަކަށް ހަދާލައިފައި. އެދުވަހަކީ ވެސް އެން އުކަމުން މަސްބޭނި ދުވަހެއް. އެން އުކާލާފައި ދޮށި ނަގައިގެން ހައެއްކަ މަސް ބާނާފައި އަނެއްކާ އެން އުކަންފަށަނީ. އެއީ މަސްވެރިކަމުގެ ހަޔާތުގައި ހަނދާނުން ނުފިލާނެ ދުވަހެއް. އެދުވަހު ހުރިހާ ކަމެއް ރަނގަޅަށްދިޔަ ނަމަ ސަތޭކަ ޓަނަށްވުރެ ވެސް ގިނައިން ބޭނޭނޭ،" އޭނާ ބުންޏެވެ.

ނިންމުން

ޢާލިމު ވަނީ އޭނާގެ އަމިއްލަ މަސައްކަތުން ކާމިޔާބު މަސްވެރިއަކަށްވެފައެވެ. އޭނާއަށް ލިބޭ އެންމެބޮޑު އެއް ހިތްހަމަޖެހުމަކީ ބުރަކޮށް މަސައްކަތްކޮށްގެން ހޯދާ ޙަލާލު ފައިސާއިން އަނބިދަރިން ބެލެހެއްޓޭތީއެވެ. އޭނާ އުޅެންމުންދަނީ ފުދުންތެރި ދިރިއުޅުމެކެވެ. ކާމިޔާބު ދިރިއުޅުމެކެވެ.

"އަޅުގަނޑު ޒުވާނުންނަށް ގޮވާލަން މަސްވެރިކަމުގެ ދާއިރާއަށް ވަނުމަށް. މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ހުނަރުވެރި މަސައްކަތެއް. މިއީ ސިކުނޑިއަށް ބާރުކުޑަ މަސައްކަތެއް. މިއީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ މަސައްކަތެއް. އަވަހަށް މިދާއިރާއަށް އާދޭ،" އޭނާ ބުންޏެވެ.

ޒުވާނުން މިދާއިރާއަށް ވަނުމަށް ގޮވައިލުމަށްފަހު އޭނާ ބުނީ ސަރުކާރުން އެއްގޮތަކަށް ވެސް މަސްވެރިންނަށް ދެރަވާ ގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. މިދާއިރާ ދިރުވައި ކޮޅަށް ޖެހުމަށް ސަރުކާރުން ގަދަ އަޅައި މަސައްކަތް ކުރުމަށް އޭނާ އެދުނެވެ. ހަލާކުވެފައިވާ ވަސީލަތްތައް މަރާމާތުކޮށް މަސްވެރިން ބާނާ މަސް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ޒުވާނުންނަށް ގޮވައިލީ މަސްވެރިކަމަށް ކުރިމަތި ލުމަށެވެ. އެ މަސައްކަތް ދިރުވައި އެއީ ނަންހިނގާ ދާއިރާއަކަށް ހެދޭނީ ޒުވާން މަސްވެރިން އުފެދިގެން ކަމަށް އޭނާ ބުންޏެވެ.

ޢާލިމް އެވެ. ތިޔަކުރާ ހިތްވަރަށް އައްސަރިބަހާއި ސާބަސް ހުއްޓެވެ. މުރާލި ކަމާއެކު މަސްވެރިކަމުގައި ދެމިހުންނާށެވެ.