މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ދެޕާޓީ ގުޅިގެން މަސައްކަތް ކުރުމަށާއި އިންތިހާބުގައި ވާދަކުރުމަށް އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އާ އެކު ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މަޝްވަރާތައް ފަށައިފިއެވެ.

ޖުމްހޫރީޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އިން ޖޭޕީގެ ސިޔާސީ މައި ހަރުގެ، މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މިދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެެއްވަމުން ފާރިސް މައުމޫނު ވިދާޅުވީ މިއަދު ކުރި މަޝްވަރާތަކުގައި ވަރަށް އުއްމީދީ މަންޒަރެއް ފެނިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވަމުން ފާރިސް ވިދާޅުވީ މައިގަނޑު ގޮތެއްގައި އެންމެ އިސްކަން ދެނީ ދިވެހި ރައްޔިތުން އެދޭ، ދިވެހި ގައުމު އެދޭ އިސްލާހީ ބަދަލުތައް ގެނައުން ކަމަށެވެ. އަދި ދެ ޕާޓީގެ މެދުގައި އިތުރު މަޝްވަރާތައްކޮށް، ޒިންމާދާރުކަމާ އެކު ރައްޔިތުން ބޭނުންވާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ފާރިސް ވިދާޅުވީ އަދި ވަކި ގޮތެއް އިއުލާނު ނުކުރައްވާ ކަމަށާއި އިންތިހާބުގައި ވާދަކުރުމަކީ ގާނޫނުގައި ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ކަންތައްތަކަކަށް ވާތީ، އެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.

މިއަދުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕޭނު މެނޭޖަރު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ސިޔާސީ ގޮތުން ގަބޫލުކުރެވޭ ކަމަކީ ރައްޔިތުން މިއަދު ބޭނުންވާ ބަދަލު ގެނެވޭނީ އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށާއި އެ ދިމާއަށް ވިސްނުން ނުދާންވީ ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ވިއްޔާ މި ބޭނުންވާ ނަތީޖާއެއް ނުއެއް ނުކުންނާނެ. އަޅުގަނޑުމެން އެ ދިމާއަށް މަސައްކަތް ކުރާނަން އަދިވެސް،" އޭނާ ވިދާޅުވި އެވެ.

ޖޭޕީން ޓިކެޓު ދީފައިވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އަދި ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ތިންޕާޓީއިންވެސް އެއް ކެންޑިޑޭޓަކު ނެރުމަށް، އެއްބަސްވެވަޑައިގެންފައެވެ.

މިދިޔަ ހަފްތާގައި ކުނޫޒުގައި ބޭއްވި މަޝްވަރާތަކަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އެ ތިން ބޭފުޅުން ވެސް ވިދާޅުވީ ޕީޕީއެމް އާއި އެމްއާރުއެމްއާ ވާހަކަދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އެ ތިން ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. އެމްއާރުއެމް އިން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން އިންތިހާބަށް ނެރެން ނިންމާފައިވާއިރު ފާރިސް ގެންދަވަނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ސޮއި ހޯއްދަވަމުންނެވެ