ޢިއްޒަތްތެރި ވަގު 7

ނުޞްރަތާ އެކީގައި އައި ހެކިންގެ ވާހަކަ ހުރިގޮތުން އަކްރަމް އަނބުރައިވެސް ގަތެވެ.

އަކްރަމްގެ ގެއަށް އެމީހުން އައި ދުވަހާ ގަޑިވެސް އެމީހުން ވަރަށް ރަނގަޅަށް ބުނެފިއެވެ. އޭނާގެ ގޭގެ ދޮރުމަތީގައި އެމީހުން ތިބީ އޭނާޔާ ވާހަކަދައްކާށޯލައެވެ. ވަގުކަލޭގެ އެގެ ވަށައިގެން ދެތިން ބުރެއް ޖެހީ އެމީހުން އަކްރަމްއާއި ވާހަކަ ދައްކަން ތިއްބާ ކަމަށް އެމީހުން ބުންޏެވެ. އެހެންވީމާ ވަގުކަލޭގެ ފެނުމާއެކު އެމީހުންނަށް އެނގިއްޖެޔޯލައެވެ.

Advertisement

“ޙައިރާންވެއްޖައިން” އަކްރަމް ޙައިރާންކަން ފާޅުކުރިއެވެ. “ތެދުވާހަކައަކަށްވެސް މިހައި ފުރިހަމަ ހެކިންނެއް ނުލިބޭނެ.”

“މިދެމީހުންގެ މޮޅުކަމަކީ އެއީ” ނުޞްރަތު ބުންޏެވެ. “އެމީހުން އާމްދަނީ ހޯދާ ގޮތަކީ އެއީ، ބޭނުން ކޮންމެ ކަމަކަށް މިދެމީޙުން ހެކިވާނެ ކޯޓުގައި ހުވާކުރާނެ،ނުހިފެހެއްޓިގެން އުޅޭ ކުއްވެރިންނާ ދެކޮޅަށް ފުލުހުންވެސް ބޭނުން ކުރާ ހަތިޔާރަކީ މިއީ އެމީހުންވެސް ބޭނުން ކުރަނީ މިކަހަލަ ހެކިން”

“ފުލުހުންނަށްވެސް މިދެމީހުންގެ ކަންތައް ހުންނަ ގޮތް އެނގޭތަ؟”

“ނޭންގެންވީ ކީއްވެގެން؟” ނުޞްރަތު ހިނިތުންވެލިއެވެ.” މިދެމީހުން ކޯތުތަކުގެ ބޭރުގައި އަބަދު އެނބުރި އެނބުރި ތިބޭނެ، މީހަކު ދަލުގައި ޖައްސަން ބޭނުމިއްޔާ ނުވަތަ އަމިއްލަޔަށް ކުށަކުން ބަރީއަވެގަންނަށް ބޭނުމިއްޔާ މިދެމީހުންނަށް ކަނޑައެޅިފައި އޮންނަ ފީއެއް ދިނީމާ ހުރިހައި ކަމެއް ހަމަޖެހިދާނެ.”

“މިރާއްޖޭގެ ޙާލަތު މިހާރު އޮތްގޮތަށް މިއޮތީ އެހެން ވެގެންތާ”

އަކްރަމް ހިތާމައިގެ ރާގަކަށް ބުނެލިއެވެ.” އެންމެ ރަނގަޅު ވަގުކަލޭގެއަށް ހަދަންވީ ކިހިނެއް؟

މިބައިމީހުންގެ ވާހަކަ ދައްކަންތިބީ ވަގުކަލޭގެ އޮތް ކޮޓަރި ނޫން އެހެން ކޮޓަރިއެއްގައެވެ. އޭރު ވަގުކަލޭގެ އޮތީ އަރާމު ކުރާށެވެ. އަވަށުގެ އަންހެނުން ގޭގޭއަށް ހިނގައްޖެއެވެ. އަކްރަމްގެ ދެއަންހެން ތިބީ ވަގުކަލޭގެއަށް ކުކުޅު ސުރުވާ ކައްކާށޭވެ. ނާހިދާ ނަމާދުން ފައިބައިގެން މިބަލާވެރިކަމުން ސަލާމަތް ކުރައްވާތޯ ދުޢާކުރަނީއެވެ.

ނުޞްރަތު ގެނައި ޑަކްޓަރު ވަގުކަލޭގެ ވަރަށް ރަނގަޅަށް މުޢާއިނާކޮށް ބަލައިފިއެވެ. ވަގުކަލޭގެ ފުރުޞަތުގެ ބޭނުންކޮށްގެން އޭނާގެ ދެތިންބައްޔެއްގެ ވާހަކަ ބުނެގެން ޑަކްޓަރު ލައްވައި ބޭސްސިޓީ ލިޔުއްވައިފިއެވެ. އަނެއްކޮޅުން ދެހެކިން އެދެމީހުންގެ ބަޔާން ލިޔުއްވަނީއެވެ. ޑަކްޓަރ ހުރިހައިކަމެއް ނިންމުމަށްފަހު ފީއަތުލައގެން ހިނގައްޖެއެވެ. ވަގުކަލޭގެ ސިފަ ރަނގަޅަށް ސިކުނޑިއަށް ނެގުމަށްފަހު ބަޔާން ލިޔުއްވުމުގެ ކަންތަކުންވެސް އަވަދިވެގެން ދެހެކިންވެސް ހިނގައްޖެއެވެ.

އަކްރަމް ނުޞްރަތު ގޮވައިގެން ގޭގެ ބޮޑު ކޮޓަރިއަށް އަތުވެއްޖެއެވެ.

“އާން ދެން ބުނޭ ވަގު ކަލޭގެއަށް ހަދަންވީ ކިހިނެއް؟” އަކްރަމް އަހައިލިއެވެ.

ނުޞްރަތަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ނިދާ އެދެ މީޙުންނަށް ސައި ހިފައިގެން އައިސް ވަދެއްޖެއެވެ.

“ބައްޕާ ވަރަށް އަވަހަށް އުފަން ދުވަހުގެ ކޭކަކާއި އުއްބަތި ކޮޅެއް ހޯދަން އެބަޖެހޭ.”

“އެއީ ކީއްކުރަން؟” ކާކުގެ އުފަންދުވަހެއް ފާޙަގކުރަން؟”

“ވަގުކަލޭގެ” ނިދާ ބުނެލިއެވެ.

“ކޮންކަހަލަ ވިޔާނުދާ ވާހކައެއް” އައި ރުޅީގައި އަކްރަމް ފުންމައިގެން ތެދުވެވިއްޖެއެވެ. ” އުފަން ދުވަސް ފާހަގަ ކުރާނީ އެއްނޫން އެކަލޭގެ ކަތިލާނީ.”

“މައިތިރިވޭ” ނުޞްރަތު އޭނާގެ ގައިގައި ހިފެހެއްޓިއެވެ. “ތިޔަހެން އުޅެގަތީމާމައްސަލަ ހައްތަހާ ނުބައިވާނީ އަހަރެން މިވިސްނަނީ ސަރުކާރުން ކަލެއަށް ބަދަލު ލިބޭކަހަލަ ގޮތަކަށް ހަމަޖެއްސޭތޯ. ތިޔަހެން ކަންތައް ކުރަން ފަށައިފިއްޔާ އަހަރެންގެ އަތުން ދޫވެގެން  ހިނގައިދާނެ”

“ދެން އަހަރެން ހަދާނީ ކިހިނެއް؟ މިހާރު އެމަލްޢުނު އެދައްކަނީ އުފަން ދުވަސް ފާހަގަ ކުރާ ވާހަކަ”

“ބައްޕާ އޭނަ ބުނީ މިއަދަކީ ތިމަން އުފަންދުވަހޭ،އޭނާގެ އުފަލަށް ހުރަސް އެޅުމުގެ ހައްޤެއް އެއްވެސް މީހަކަށް ނޯންނާނެއޭ، އެއީ އޭނާއަށް ލިބިފައިވާ އިންސާނީ ހައްޤެކޭ”

“އެހެންތަ”؟ އޭނަ ކައިރީގައި ބުނޭ އަހަރެން ބުންޏޭ ނިކުމެގެން ދަހަރޭ، އޭނާ މިގޭގައި އޮތީއަކީ އަހަރެމެން ބުނެގެންނެއް ނޫން އަހަރެން ހަމަ މިހާރު ގޮސް އޭނާ މޮހައިލަ ދޭނަން، އޭނާ މިގެއިން ފެއްސިގެން ހިނގައްޖެއްޔާ އަހަރެން ވަރަށް ބޮޑަށް އުފާކުރާނަން.”

“އަކްރަމް ތިޔަހެން ނޫޅޭ” ނުޞްރަތު އޭނާއަށް ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ..” އޭނާ ހިނގަޖެއްޔާ ވަރަށް ބޮޑު މުޞީބާތކާ ކުރިމަތިލާން ޖެހިދާނެ، އޭނާ މިގޭގައި އޮތްކަން ދެފުލުސް އޮފީހަކަށް މިހާރު އެނގިއްޖެ އެހެންވީމާ އޭނާ ދޫކޮށްލައިފިއްޔާ ކަލޭވާނީ ވަގަކު ފިލުވި މީހަކަށް ޤާނޫނާ ޙިލާފުވި މީހަކަށް”

“ޔާރައްބީ އަހަރެން ދެން ހަނދާނ ކިހިނެއް؟ ދެން ހަދާނީ ކިހިނެއް؟ އަކްރަމް ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމަން ފެށިއެވެ.

“ކެތްކުރޭ އަހަރެންގެ ކުޅަދާނަކަން ދައްކައިލާނޭ ފުރުޞަތުދީ ވަކީލުކަން ކުރުމަކީ ކުޅިވަރެއް ކުޅުމެއްނޫން” ނުޞްރަތު ބުނެލިއެވެ.

“ރަނގަޅު ވާނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރެވޭނެ ގޮތް ހަދައިދިނިއްޔާ އެހައި ތަނަށް އަހަރެން މައްސަލަ ކުރިއަށް ގެންދާނެގޮތެއް ރާވާނަން”

ނުޞްރަތު ދިޔައިމާ ނާހިދާ އަކްރަމް ކައިރިއަށް އަތުވެއްޖެއެވެ. އޭނާގެ މޫނުމަތި ވަނީ މިލައިފައެވެ. ތުންފަތް ތުރު ތުރު އަޅަނީއެވެ.

“ދެން އަހަރެންނަކަށް ކެތެއް ނުކުރެވޭނެ.” ނާހިދާ ބުންޏެވެ. ” އަހަންނަށް ހީވަނީ އޭނާ ނިދާ ނޫނީ މާހާ އާ އިންނަންވެސް އަހައިފާނެހެން.”

“ކެތް ކުރޭ! އަހަރެން މިކެތް ކުރާ ގޮތަށް ކެތް ކުރޭ! އެކަލޭގެ ކޮޓަރިއަށް ދެކުދިން ދިއުން މަނާ ކުރޭ”

“އަހަރެން މަނާކޮށްފިން އެހެން ބުނީމާ އެދެމީހުން ރޮއިގަތްގަތީނުން ހަތްބިމު ވެލި އެއްކޮށްފި، މިހާރު އޭނާގެ އެދުމުގެ މަތިން ޗައިނީޒް ކާނާ ތައްޔާރު ކުރަނީ  އެކަލޭގެ ފިލައިގެން ދާކަށްވެސް ނޫޅުނު”

“އަހަރެން އޭނާ މޮހައިލަ ދޭނަން ދަނޑިވަޅެއް ލިބުނީމާ އޭނާ ފިލައިގެން ހިނގައްޖެއޭ ފުލުހުން ގާތު ބުނާނީ”

އެވަގުތު މާހާ ދުވެފައި އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އައީ ގެއަށް ބަޔަކު އައިވާހަކަ ބުނަންވެގެންނެވެ. “ބައްޕާ ބައްޕާ ދޮރުމަތީގައި ބަޔަކު އެބަތިބި އެމީހުން ބޭނުންވަނީ ބައްޕަޔާ ބައްދަލުކުރަން”

“ކޮންބައެއް”؟

“ނޭނގޭ އެމީހުން ބުނީ ތިމަންމެން މިއީ އިންސާނީ ޙައްގުތައް ޙިމާޔަތް ކުރާ ޖަމިއްޔާގެ މީހުންނޭ.”

“ރަނގަޅު ތިޔަ އޮތީ އަނެއް ބަލާވެރިކަމާ ޖެހިފައި” ނާހިދާ އަމުނަން ފެށިއެވެ.

އަކްރަމް ބޭރުދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހަތަރު މީހަކު ތިއްބެވެ. އެމީހުން ބުނީ އެއީ އިންސާނީ ހައްޤުތަކާ ބެހޭ ޖަމިއްޔާއަކުން އައި ބައެއް ކަމަށެވެ. ހަތަރު މީހުންގެ ތެރެއިން އެކަކީ އެޖަމިއްޔާގެ ސެކްރެޓެރީއެވެ.

“މިގޭގައި މީހަކު ހައްޔަރު ކޮށްފައި އެބައޮތްތޯ؟” ސެކްރެޓެރީ އަހައިލިއެވެ.

“އާދެ މިގެއަށް ވައްކަންކުރަން ވަންމީހަކު އެބައޮތް އެކަމަކޫ އޭނާ އޮތީ ހައްޔަރު ކޮށްފައެއްނޫން، ތިޔަބޭފުޅުން އޭނާ ގެންދަވަން ބޭނުން ފުޅީއްޔާ ގެންދަވާ.”

“ކީކޭތޯ އަޅުގަނޑުމެން ގެންދާށޭތޯ”؟ ސެކްރެޓެރީ ޙައިރާންވެފައި އަހައިލިއެވެ.

“އާދެ ގެންދަވާ”

ސެކްރެޓެރީއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކަންތައްތައް މިދަނީއަކީ އޭނާ ހީކޮށްގެން ހިރި ގޮތަކަށް ނޫނެވެ. އޭނާ ގަސްތުކޮށްގެން ހުރީ ވަގުކަލޭގެޔާ ބެހޭ ގޮތުން ނޫސްބަޔާނެއް ދޭށެވެ. މުޅިޤައުމުގެ ސަމާލުކަމަށް

އެމައްސަލަ ގެންނާށެވެ. އެއީޙުދު އޭނާ އާއި މުޅި ޖަމިއްޔާއަށްވެސް ލިބޭ ވަރަށް ބޮޑު މަޝްހޫރު ކަމަކަށް ވާނެއެވެ. އަނިޔާ ލިބިފައިވާ މީހަކު ސަލާމަތް ކޮށްދޭން  އޭނާއާއި ޖަމިއްޔާއިން ވަރަށް ބޮޑަށް މަސައްކަތް ކުރިއޭ މީހުން މިތިބީ ތައްޔާރަށެވެ. އެއީ ވަރަށް ދެރަކަމެކެވެ. އޭނާ އެތަށް ބުރައެއް އުފުލައިގެން ލިޔުނު ބަޔާން ތާނކުން ތާނކުން ނުޖެހި ދާގޮތް ވަނީއެވެ.

“އެއްޗެކޭ ވިދާޅުނުވީ ކީއްވެގެންތޯ؟” އަކްރަމް އަހައިލިއެވެ. “އޭނާ ގެންދަވަން ވީނުންތޯ؟

“އެންމެ ރަގަޅު އޭނާ އަޅުގަނޑުމެންނާ ޙަވާލުކުރައްވާ.”

ސެކްރެޓެރީ މައްޔިތެއްގެ އަޑުން ވާހަކަ ދެއްކިއެވެ. ދެވަނަ ސިކުންތުގެ ތެރޭގައި އޭނާގެ ސިކުނޑިއަށް ކޮންމެވެސް ޙިޔާލެއް ވަދެއްޖެއެވެ. “އަޅުގަނޑުމެން އޭނާ ގެންގޮސްފާނަނަން އެކަމަކު ތިޔަ ބޭފުޅާ އެކަން ދެދުވަހަކަށް ސިއްރު ކޮށްދެއްވަންވާނެ  އޭނާ ފިލައިގެން ހިނގައްޖެޔޭ ދެދުވަސް ފަހުން ވިދާޅުވިޔަސް އެންމެ ރަނގަޅު”

“ދަންނަވަންތޯ؟ ތިޔަވިދާޅުވަނީ ދެދުވަހުގެ ވާހަކައެއްނޫންތޯ؟

އަޅުގަނޑު އެއްހަފްތާ ވާންދެން ގޭގައި ބަންދުވެގެން އިނދެދާނަން މީހަކަށް ހިލަމެއްވެސް ވިޔަކަ ނުދޭނަން އަޅުގަނޑާ އެކީގައި ވަޑައިގަނޭ ވަގުކަލޭގެ މިވަގުތު ތިޔަބޭފުޅުންނާ ހަވާލުކުރާނަން”

ވަގުކަލޭގެ އެމީހުންނާ އެކުދާން ދެކޮޅުހަދައިފިއެވެ. ” ތިޔައީ ކޮންގޮތެއްތޯ؟ ވަގުކަލޭގެ ދެކޮޅު ހެދުމުގެ ގޮތުން ބުނެލިއެވެ. .” އަޅުގަނޑުގެ ވެސް ކޮންމެވެސް ވަރެއްގެ ޢަބުރެއް ޢިއްޒަތެއް އޮންނާނެ، އަޅުގަނޑަކީވެސް އިންސާނަކީން ބޭނުންވާ އިރަށް ހައްޔަރުކޮށްފައި ބޭނުންވާ އިރަށް ދޫކޮށްލުމަކީ އިންސާފެއްނޫން، އަޅުގަޑަކީ ވަގަކީން، އެހެންވީމާ އެއްވެސް ޖަމިއްޔާއެއްގެ ހައިޖާނެއްގެ ތެރެއަށް ވަންނާކަން ބޭނުމެއްނޫން.”

“ﷲގެ ހެޔޮ އަޅާ” އަކްރަމް އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“އަހަރެމެންގެ  ހާލުގެ މައްޗަށް ރަހުމް ކުރޭ މިތަނުން ރައްކާވޭ.”

“ތިޔަކަމެއް ނުވާނެ، އަޅުގަނޑު މިގޭގައި މިއޮންނަނީ ވަރަށް އަރާމުގައި އުފަލުގައި މިފަދަ ބޮޑު އުފެލެއް ދޫކޮށްލާފައި ދާނީ ކިހިނެއްތޯ؟

“އަޑުއިވިވަޑައިގެންފިތޯ؟ އަކްރަމް ޖަމިއްޔާގެ ސެކްރެޓެރީއާ ދިމާލަށް ބަލައިލިއެވެ. ” އެދަމާ ހާސަރުގެ އަޑު އިވިވަޑައިގެންފިތޯ؟ ﷲ އަށްޓަކައި އޭނާ މިތަނުން ގެންދަވާ ގަދަކަމުން ނަމަވެސް ގެންދަވާ”

“ނޫން އަޅުގަނޑުމެންނަކަށް ދެނެއް އޭނާ ގޮވައިގެނެއް ނުދެވޭނެ.” ސެކްރެޓެރީ ބުނެލިއެވެ.” މިގެއިން އޭނާ ދާން ދެކޮޅު ހަދަނިކޮށް އޭނާ ގޮވައިގެން ހިނގަޖެއްޔާ އެކަން ވެގެން ދާނީ އިންސާނީ

ހައްޤުތަކާ ޙިލާފުކަމަކަށް އަޅުގަނޑުމެން އެހެން ހަދައިފިއްޔާ ތިޔަބޭފުޅާގެ މައްޗަށް ދައުވާ ކުރެވޭނެ ފުރުސަތު އޮންނާނެ.”

އެވަގުތު އަމިއްލައަށް މަރުވާންވީއޭ ނޫނީ އެމީހުން މަރައިލަންވީއޭ އަކްރަމްގެ ހިތަށް އެރިއެވެ. ” އެހެން ވެއްޖެއްޔާ ވިދާޅުވޭ އަޅަގަނޑު މިކަލޭގެއަށް ހަދާނީ ކިހިނެއްތޯ”؟އަކްރަމް އާދޭހުގެ ރާގަކަށް އަހައިލިއެވެ. “ފުލުހުން  އޭނާއެއް ނުގެންދިޔަ ތިޔަބޭފުޅުންވެސް ނުގެންދެވި އޭނާ އަމިއްލައަށް ދާކަށް ނޫޅުނު ދެން އަޅުގަނޑު ހަނދާނީ ކިހިނެއްތޯ؟ އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯ؟

“އަޅުގަނޑަށް ދެން ކުރެވެން އޮންނާނެ ކަމަކީ އަޅުގަނޑުމެންގެ ހެޑްކުއާޓާރ މަޝްވަރާކުރުން ” ސެކެޓްރީ ބުނެލިއެވެ. ” އެތަނުން ހަދަންވީ ގޮތެއް އަންގާނެ ބިރުފުޅު ނުގަނޭ ހުރިހައިކަމެއް ހަމަޔަކށް އެޅިދާނެ.”

Advertisements

1 COMMENT

Comments are closed.