މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި މިއަދު ހެނދުނު ބޭއްވި، ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައެވެ. ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ. ދިދަ ނެގުމުގެ އިތުރުން މި ރަސްމިއްޔާތުގައި ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފައެވެ. އިސްވެ އެ ދުއާ ކޮށްދެއްވާފައިވަނީ އައްޝައިޚް އާޒިމް ހާލިދެެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ މީލާދީން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.