” ދިވެހިބަހުގެ ހައްގުގައި ” ޒުވާނެއް.

1

“ދިވެހިބަހުގެ ހައްގުގައި” މިނަމުގައި ޒުވާނެއް ނުކުމެއްޖެއެވެ. މިއީ ދިވެހިބަހަށް މީހުންގެ މެދުގައި ލޯބިޖެއްސުމާއި ދިވެހިބަހަށް މީހުން އަހުލުވެރިކުރުމުގެ މަގުސަދުގައި ނުކުތް ޒުވާނެކެވެ. އެހެންކަމުން އޭނަގެ ވާހަކަ ކިޔުންތެރިންނަށް ހިއްސާކޮށްލާނަމެވެ.

ފުރަތަމަ ފެނުނުނީ “ފާނޫޒް”އިން ލިޔުންތެރިއެއްގެ ގޮތުގައެވެ. އެއަށްފަހު “ދުވަސް”، “ހަލިނިޔުސް” އަދި “މިއަދުނިޔުސް”ގައި މަސައްކަތްކޮށްފައިވެއެވެ. ނޫސްވެރިއެއްގެ ގޮތުގައެވެ. އޭނާ ކުރި މަސައްކަތަކީ ލިޔުމެވެ. ހަބަރާއި އެކިކަންމާއި ގުޅޭ ރިޕޯޓުތައް ލިޔުމެވެ. މިހާރު އޭނާގެ ލިޔުންތަށް ފެނިގެންދާނީ ނ. އަތޮޅަށް ޙާއްސަ ދުވަހު ނޫހެއް ކަމަށްވާ “ނޫނު އޮންލައިން”އިންނެވެ.

Advertisements

އޭނާގެ ނަމަކީ ޒިދާން މުޙައްމަދު އެވެ. އާންމުންގެ ތެރޭގައި މަޝްހޫރީ “ލިޔާ ކުއްޖާ”ގެ ނަމުންނެވެ. އެނަމުގައި އަމިއްލަ ފޭސްބުކް ސަފުހާއެއް އޮވެއެވެ. އުމުރުން 20 އަހަރެވެ. ޒިދާން ލިޔުންތެރިކަމުގެ ދާއިރާއަށް ވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ދިވެހިބަހުގެ ހައްގުގައި ޒިދާން މަސައްކަތް ފެށީ މިއަދަކު ނޫނެވެ.  2018 ވަނަ އަހަރުގެ ތެރޭގައި “ދިވެހިބަހުގެ ހައްގުގައި” މިނަމުގައި ވައިބަރ އޮޅިއެއް އުފައްދައި އާންމުން ދިވެހިބަހަށް ހޭލުންތެރި ކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ.

މިއަދު އޭނާ މިވަނީ ވައިބަރ އޮޅި އަދާހަމަކޮށް، “ދިވެހިބަހުގެ ހައްގުގައި”ގެ ފޭސްބުކް ސަފުހާއެއް އުފައްދައި މިމަސައްކަތް ފުޅާ ދާއިރާގައި ކުރުމަށް ނުކުމެފައެވެ. ނަމަވެސް، މިއަދު އޭނާ ނުކުމެ ހުރީ  މިކަން މީސްމީޑިއާ އާއި ހިސާބުން ނިންމާލާ ގޮތަކަށް ނޫނެވެ. މިކަމުގައި އަމަލީ ގޮތުންވެސް އުޅުމަށެވެ. ޒިދާންގެ ތަސައްވަރުގައި އޮތީ “ދިވެހިބަހުގެ ހައްގުގައި” މިނަމުގައި، ފަހުގެ ތާރީހެއްގައި ޖަމިއްޔާއެއް ވެސް އުފައްދާ ވިސްނުމެކެވެ. އޭނާ މިހާރުވެސް ދަނީ ދިވެހިބަހަށް މީހުން ހޭލުންތެރިކުރުމަށް ޙާއްސަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުންނެވެ. “ދިވެހިބަހުގެ ހައްގުގައި” ވައިބަރ އޮޅިއާއި ފޭސްބުކް ސަފުހާއިން އެކަންކަމާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އާނއެކެވެ. ދިވެހިބަހުގެ ހައްގުގައި ޒުވާނެކެވެ.

Advertisements

1 COMMENT

  1. ކަމައިގެން އުޅުމަކީ ވަރަށްވެސް ރަނގަޅު ކަމެއް.
    އެހެނެއްކަމަކު ތިމާގެ ބަހުރުވަ ހުންނަ ގޮތުން އެހެން މީހުންނަށް ނުތަނަވަސްކަން އިހުސާސްވެ، އެހެން މީހުންނަކީ ދިވެހިބަހުގެ އެކަޑަމީއާ ދެކޮޅުބައެއްގެ ގޮތުގައި ދޭހަވާފަދަ ގޮތަކަށް އެހެން މީހުންނާއި މުޚާތަބުކޮށް، ކަންކަމާއި ސުވާލުކުރާ މީހުންނާއި ޖައްސާލާފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ މިކަން ކުރަން އެންމެ ރަނގަޅު ގޮތް ބާ؟ ތިބުނާ އޮޅިއެއްގައި މީސްމީހުން ކުރާ ސުވާލުތަކަށް އެކަށޭނެ، ރިވެތި ބަހުރުވައިން، މީހުން ބަހަށް އިތުރަށް ޝައުޤުވެރިވާނެފަދަ ގޮތަކަށް ޖަވާބުދޭ އެއްބޭފުޅަކީ އަޝްރަފް.
    މީސްމީހުން ސުވާލުކުރަނީ ކޮންމެވެސް ވަރެއްގެ ޝައުޤެއް ހުރެގެންކަން ޤަބޫލުކުރަން ޖެހޭ. އެއީ ރަނގަޅުކަމެއް ކަމުގައި ދެކި، ކުރު ހުކުމް ފަދަ ޖަވާބުތައް ނުދީ، އެއަށް އެއްވެސް ހިޔާލެއް ފާޅުނުކުރެވޭފަދަ ގޮތަކަށް ބަސްމަގު ގެންގުޅުމުގެ ބަދަލުގައި، ތިމާއަށް ލިބިފައިވާ އިލްމަކާއި ތަޖުރިބާއަށް ބަރޯސާވެ، ދިވެހި ބަހުގެ ހައްޤުގައި މަސައްކަތް ކުރާނަމަ، ހާސިލުކުރަން އުޅޭކަންތައް ހަސިލުކުރުމަށް ފަސޭހަވެ، ގިނަ ބައެއްގެ ޤަދަރާއި އިޙްތިރާމް ލިބިގެން ދާނެ.
    ދިވެހިބަހުގެ ހައްޤުގައި މަސައްކަތްކުރާތީ ތިކަމުގައި ކާމިޔާބުވުމަށް އެދެން.

Comments are closed.