އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައި އަމަލީމަސައްކަތް ފަށައިފިއެވެ.

އައްޑޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ފައިސަލް ނަސީމް ވަނީ ދީނީ ކަންކަމަށް، ހާއްސަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދޭކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މީގެ ކުރިން ނުހިންގޭ މިންވަރަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ގުރުއާން މުބާރާތްތަކާއި އިހްޔާ ފޯރަމްތަކާއި ދީނީ ނަސޭހަތްތަކާއި އިމާމުން ތަމްރީނު ކުރުމާއި، އެންމެ ހާއްސަކޮށް އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ކުރިޔަށް ގެންގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކާއި އެކި މަޝްރޫއުތައް ބިނާކުރުމަށް، ހަމައެކަނި ބިންގާ އެޅުމަށްފަހު ދޫނުކުރައްވާ ކަމަށާއި މި ސަރުކާރުން ފަށަނީ އެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ކަމަށެވެ. އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށި އިސްލާމީ މަރުކަޒަކީ މިސްކިތެއްގެ އިތުރުން ދީނީ ތަފާތު ޕްރޮގްރާމުތައް ހިންގޭނެ ގޮތަށް ހަދަމުން އަންނަ މަރުކަޒެއް ކަމަށެވެ.

އަދި މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އައްޑޫ މޭޔަރު ނިޒާރު ވަނީ ރާއްޖޭގައި ދީނީ ޝިއާރުތައް ކުރިއަރުވައި، އެފަދަ ބިނާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރަތްކުރާ އިރު، އެފަދަ ގިނަ މުހިންމު މަޝްރޫއުތަކެއް އައްޑޫގައި ކުރިއަށްގެންދާތީ ޝުކުރު އަދާކުރައްވައިފައެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދާ ހިތަދޫ އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާއި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީވެސް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށް، އެ ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.