ދައުލަތުގެ އާމްދަނީ އިތުރުކޮށް ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގައި ޓެކްސް ނިޒާމު ތައާރަފްކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލަފާދެއްވީ އެމަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ބ. އަތޮޅަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން މިއަދު ހަވީރު ބ. ކެންދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރާއްޖޭގެ އިސްތިސާދީ ހާލަތު ކޮޅަށް ޖެހުމަށް ޓެކްސްގެ ނިޒާމަށް ގެނައި ހެޔޮ ބަދަލާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ ޓެކްސް ބޮޑު ކުރުމުން އެކަމުގެ ނުރުހުން ވިޔަފާރި ވެރިންގެ ކިބައިން ލިބިދާނެ ކަމަށްޓަކައި ރައީސް ނަޝީދު ބިރުން ހުންނެވި ކަމަށެވެ.

ނަމަވެސް މިމައްސަލައިގައި ރައީސް ނަޝީދާ އޭރު ކުރެވުނު މަޝްވަރާ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތުން އިމްޕޯޓް ޑިއުޓީއަށް އެކަނި ބަރޯސާވެގެން ގައުމުގެ އިގްތިސާދު ކުރި ނާރާނެ ކަމަށާއި ޓެކްސްގެ ނިޒާމު ތައާރަފްކޮށް ވިޔަފާރިތަކުންވެސް ޓެކްސް ނަގަން ފަށަންވީ ދަނޑިވަޅަކީ އެއީ ކަމަށް ނަޝީދަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ވަރަށް ޕާސަނަލް ވާހަކައެއް. އެއީ ޓެކްސް ނަގަން ފަށަން އަޅުގަނޑުމެން އުޅުނު އިރު (ނަޝީދު) ވިދާޅުވީ އިބޫއޭ ތިމަންނަ ދެެކެ ވިޔަފާރިވެރިން ރުޅި އަންނާނެޔޭ ތިކަން ކޮށްފިއްޔާ. އަޅުގަނޑު ބުނީ ނޫނެކޭ. މީއޭ އެކަން ކުރަންވީ ވަގުތަކީ. އެއްގޮތަކަށްވެސް ސަރުކާރެއް ނުހިންގޭނެޔޭ ސަރުކާރަށް އާމްދަނީ ނުލިބި،" ރައީސްސާލިހު ވިދާޅުވިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ރާއްޖެއަށް ތައާރަފްކުރީ 2010 ވަނަ އަހަރު އެމްޑީޕީންނެވެ.

ޓީ.ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8 އަށް ބޮޑުކުރުމަށް މަޖިލީހުން މިދިޔަ އަހަރަށް ވަނީ ފާސްކޮށްފައެވެ. މިގެނެވުނު ބަދަލާއެކު، ސަރުކާރުން ލަފާކުރައްވާފައި ވަނީ ޖީ.އެސް.ޓީން 970 މިލިއަން ރުފިޔާ އަދި ޓީ.ޖީ.އެސް.ޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް މި އަހަރު ލިބޭނެކަމަށެވެ.