ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، ފުވައްމުލައް ސިޓީ ދޫޑިގަން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ދޫޑިގަން ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވީ، އެމަނިކުފާނު އިއްޔެ ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫޢުކުރިޔަށް ގެންގޮސްފައި ވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ. ދިރާސީ އައު އަހަރު ފެށޭއިރު މިޢިމާރާތް ބޭނުން ކުރަން ފެށޭނެއެވެ.

ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދެއްވުމަށާއި، ދަރިވަރުންގެ އިތުރު ޙަރަކާތްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް، ކިޔަވައިދިނުމުގެ ފެންވަރުމަތިކުރުމަށް މިސަރުކާރުން ވަނީ މުޅި ރާއްޖޭގެ ސްކޫލުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.

އަދި ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ކުޅިވަރުތައް ތަރައްޤީކުރުމަށް ޒަމާނީ ފެންވަރުގެ ކުޅިވަރުދަނޑުތައް އެޅުމުގެ ގިނަ މަޝްރޫޢުތަކެއްވެސް ވަނީ ހިންގާފައެވެ.