ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ވިންގަރ އޮސަމާނޭ ޑެމްބެލޭ އެކްލަބް ދޫކޮށް ޕީއެސްޖީއަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

ޕީއެސްޖީއަށް ބަދަލުވުމަށް ޑެމްބެލޭ އެއްބަސްވެފައި ވަނީ 5 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. 2017 ވަނަ އަހަރު ބްރޯޝިޔާ ޑޯޓްމަންޑުން 115 މިލިޔަން ޑޮލަރަށް ބާސެލޯނާއިން ގެނައި ޑެމްބެލޭ ވިއްކާލުމަށް ބާސެލޯނާއިން އެއްބަސްވާނީ 50 މިލިޔަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާ ދޫކޮށްލަން ޑެމްބެލޭ ނިންމާފައި މިވަނީ އޭނާއަށް އައު ކޮންޓްރެކްޓެއް އެކްލަބުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

ހުނަރުގެ ގޮތުން އެންމެ މަތީފަންތީގައި ހުރިނަމަވެސް އަނިޔާގެ މައްސަލަތަކާހުރެ ބާސެލޯނާގައި ޑެމްބެލޭއަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.