އެމެރިކާ ވައިގެ ސިފައިންނާއެކު ތަމްރީންތައް ހަދަމުން ދަނިކޮށް އޮސްޓްރޭލިޔާގެ ހެލިކޮޕްޓަރެއް ކަނޑަށް ވެއްޓި ހިނގި ހާދިސާގައި 4 ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އޮސްޓްރޭލިޔާގެ ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އެމްއާރުއެޗް-90 މަރުކާގެ އަސްކަރީ ހެލިކޮޕްޓަރު ކަނޑަށް ވެއްޓުމުގެ މިހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުއެވެ. ހެލިކޮޕްޓަރުން ދަތުރު ކުރި 4 ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީއިން އިއުލާން މިކުރީ ސިފައިން ހޯދުމަށް 3 ދުވަސް ވަންދެން މަސައްކަތް ކުރުމަށްފަހު، މަަސައްކަތް ނާކާމިޔާބު ވުމުންނެވެ.

މިހާދިސާއާ ގުޅިގެން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ވިދާޅުވީ މިއީ ހިތްދަތި ވަގުތެއް ކަމަށާއި ގައުމުގެ ޝަރަފްވެރި އަސްކަރީ ޔުނީފޯމް ލައިގެން ތިބެ، ބަތޮލުންގެ ގޮތުގައ މަރުވެދިޔަ ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރައްވާ ކަމަށެވެ.

"މަރުވި ސިފައިންގެ އާއިލާތަކަށް، ރަހްމަތްރެރިންނަށް، އަނބިންނާއި ފިިރިންނާއި ދަރިންނަށް އަދި އެމީހުން ދެކެ ލޯބިވާ އެންމެނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ހަމްދަރުދީ އާއި ތައުޒިޔާ ރައްދު ކުރަން. ސިފައިންގެ މީހެއްގެ ހަޔާތުން އެންމެ ދުވަހަކީވެސް ފަސޭހަ ދުވަހެއް ނޫން. ކޮންމެ ދުވަހަކީވެސް ސިފައިން، ގައުމަށްޓަކައި ޤުރުބާންވާ ދުވަހެއް. މިހާދިސާ ހިނގައި ދިޔަ ގޮތުގެ ފުރިހަމަ ތަހްގީގެއް ހިންގެވުމަށް އަޅުގަނޑު މިހާރު ވަނީ އަންގާފައި" އަލްބަނީސް ވިދާޅުވިއެވެ.