ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ ށ.މިލަންދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.

މިރަށު ފުޓްބޯޅަ ދަނޑަކީ ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާފައިވާ ފުޓްބޯޅަ ދަނޑެކެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތުގައި، 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭއިރު، މިއީ ތިންބުރީގެ އޮފީސް ޢިމާރާތެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.