މާދަމާ އަންނާނެ ހެއްޔެވެ؟

0

މާދަމާއަކީ އަންނާނެ ދުވަހެއްކަން ހަމަ ޔަގީން ކުރަނީތޯ އަޅުގަނޑުގެ އެކުވެރިއެއް ގާތުގައި ސުވާލު ކުރީމެވެ. އޭނާ ހީނލާފައި ޖަވާބު ދިނެވެ.  މާދަން ނާންނާވީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ މާދަމާއަށް އިންތިޒާރު ނުކުރާށެވެ. އަހަރެމެންނަށް އެކަމެއްގެ މައްޗަށް ބާރު ނުފޯރުވޭ ކަންކަން ވެދާނެ ކަމަށް އުންމީދު ކުރުމަކީ މޮޔަ ކަމެކެވެ. އެންމެ ކައިރީގައި ވަނީ މަރެވެ. އެއީ ވެސް އަހަރެމެންނަށް ބާރު ފޯރުވޭ ކަމެއް ނޫނެވެ.

މިއަދު ކުރަން ބުނާ ކަންކަން ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި މާދަމާއަށް ލަސްކުރެވެއެވެ. އެކަމުން ނުހަނު ގިނަ ގެއްލުމާއި ކުރިމަތި ލާންޖެހެވެ. މާލީ ގޮތުންނެވެ. ދުނިޔަވީ ގޮތުންނެވެ. މާދަމާއަށް ކަންކަން ލަސްކުރާ މީހުންގެ އެންމެ ޚާއްސަ ސިފައެއްކަމަށް ވަނީ ކަންނެތް ކަމެވެ. މުރާލިކަން މުރާލިނުވުމެވެ. އަމިއްލަ ނަފުސުގެ އިތުބާރު ކުޑަވުމެވެ. އެކަމެއް މާދަމާވެސް ކުރެވެދާނެކަމުގެ ޔަގީންކަމެއް ހިތުގައި ބޭއްވުމެވެ.

Advertisement

އަޅުގަނޑާއެކު މަސައްކަތް ކުރި މުވައްޒަފެކެވެ. އޭނާގެ އާދައަކީ ކޮންމެ ކަމެއް މާދަމާއަށް ފަސްކުރުމެވެ. ޚިދުމަތް ހޯދުމަށް އަންނަ ކިތަންމެ ބައެއްގެ ގާތުގައި މާދަމާ އަންނަން ބުނެއެވެ. އޮފީހުން ތައްޔާރު ކުރާ ރިޕޯޓް މަސްނިމޭއިރު ނުނިންމައެވެ. މިގޮތަށް އޭނާ ފަސްކުރި ކިތަންމެ ކަމެއްގެ އާޚިރު ނަތީޖާ ލިބުނީ ހިތި ގޮތަކަށެވެ. މަސައްކަތްތައް ފުނިޖެހި އިންޒާރު ލިބެމުން ގޮސް އެންމެ ފަހުން ވަޒީފާ އާއި ވަކިވާން ޖެހުނެވެ. ފަރުވާ ކުޑަ މުވައްޒަފެއްގެ ގޮތުގައެވެ.

ބައެއް  ފަހަރަށް އަޅުގަނޑުގެ ރަހުމަތް ތެރެއިންގެ ގާތުގައި ކަމެއް ކޮށްލަ ދިނުމަށް އެދެވެއެވެ. މައުލޫމާތެއް ހޯދައިލުމަށް ނުވަތަ ކުރަން އުޅެ ނުކުރެވި ހުރިކަމެއް ކޮށްލައިދިނުމަށެވެ. ނުވަތަ އަގުދީގެން ކަމެއް ކުރުވުމަށެވެ. މާދަމާ އަންނާނެ ކަމަށް ބުނެއެވެ. އިންތިޒާރު ކުރާން ޖެހެއެވެ. ޚަބަރު ނުވެގެން ގުޅާން ޖެހެއެވެ. ގިނަ ފަހަރަށް ފޯނެއް ނުނަގާނެއެވެ. އެދުވަސް ފާއިތުވެ ދެއެވެ. ޖެހިގެން އަންނަ ދުވަހު އަނެއްކައި ގުޅާން ޖެހެއެވެ. ލިބޭ ޖަވާބަކީ “ބިޒީ” ކަމުން އިއްޔެ ޖަވާބު ނުދެވުނީ ކަމުގައެވެ. މާދަމާ ކޮންމެހެން ވެސް ގުޅާނަމެވެ. ނަމަވެސް ގިނަ ފަހަރަށް އެބުނާ މާދަމާއެއް ނާދެއެވެ. ކުރަންބޭނުންވި ކަން ނުކުރެވި ދިގުލައިގެން ދަނީއެވެ. ދެވަނަ މީހަކު ހޯދާން ޖެހެއެވެ. ބޭކާރު ދުވަސްތަކެއް ފާއިތުވީއެވެ.

ކަރަންޓް ބިލް ، ފޯނު ބިލް ، ފެންބިލް ، ކޭބަލް ޓީވީ ބިލް ، މިހިރީ މީހުންގެ ދިރިއުޅުމާ މިއަދު ގުޅި ލާމެހިފައިވާ ކަންކަމެވެ. މާދަމާއަށް ފަސްކުރުމުން ބިލުތަކުގެ ޖޫރިމަނާ އަރައެވެ. ޚިދުމަތް މެދުކެނޑެއެވެ. އެތައް ކަމެއް ނުކުރެވި ހުއްޓުމަކަށް އާދެއެވެ. މިފަދަ މީހުންގެ އެންމެ ބޮޑު ހުއްޖަތަކީ ވަގުތު ނުވާކަމަށް ބުނުމެވެ. މިހާރު ގެ ބަހުންނަމަ “ބިޒީ” ކަމުންނެވެ. ވަގުތަކީ ހޯދީމާ ލިބޭ އެއްޗެކެވެ. ވަގުތު ނުވާކަމަށް ގިނަ މީހުން ބުނަނީ ކަންކަން ފޮރުވުމަށާއި ތިމާގެ ނުކުޅެދުން ތެރިކަމާއި ކަންނެތްކަން އަނެކުންނަށް ސިއްރު ކުރުމުގެ ގޮތުންނެވެ.

މަރުޙޫމް ޒާހިރު ނަސީރު ވިދާޅުވާ ހަރުބަހެއް އޮވެއެވެ. އަބަދުވެސް ތިންގުޅުން ގުޅަން ވާނެއެވެ. ކޮންމެކަމެއް މީހަކު ގާތު ބުންޏަސް ތިން ފަހަރު ގުޅާށެވެ. ތިންވަނަ ފަހަރު ގުޅުމަށް ފަހު ދެން އިތުރަށް ނުގުޅާށެވެ. އެކަމަކަށް އިޖާބަ ދޭ މީހާ ތިން ގުޅުމުން އިޖާބަ ދޭނެއެވެ. އޭނާއަށް ދެން އިތުރަށް އިންތިޒާރު ނުކުރާށެވެ.

ޝައުގު ވެރިކަން ހުންނަ މުރާލި މީހުން ފުރަތަމަ ގުޅުމުން ވެސް އެކަމަކަށް އިޖާބަ ދެއެވެ. އެމީހަކު ޝައުގު ވެރިވާ، ކުރަން ބޭނުންކަންކަން މާދަމާއަކަށް ފަހެއް ނުކުރާނެއެވެ.

މާދަމާ އަތުވެދާނެކަމަށް އިންތިޒާރު ނުކުރާށެވެ.

Advertisements