އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި ފުރަތަމަ ކެންޑިޑޭޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހެނދުނު ހުށަހެޅުއްވި ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު، ރިޔާސީއިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތުހަމަނުވާތީ އެކޮމިޝަނުން ބަލައިނުގަންނަކަމަށް އީސީން ހާމަކޮށްފިއެވެ.

މީގެ އިރުކޮޅެއް ކުރިން އީސީގެ ލީގަލް ޓީމުގެ ނިންމުން ވަނީ ޕީޕީއެމަށް ވަނީ އަންގައިފައެވެ. އީސީން ދިން ޖަވާބުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާ ކަމަށާއި އެހެންވެ އެ މަނިކުފާނުގެ ކެނޑިޑެންސީ ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އީސީން ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދަށުން އަދި ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ސެޕްޓެމްބަރުމަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި، ބަލައިޗެކްކުރުމަށްފަހު، ގާނޫނުއަސާސީއާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާން ޔާމީން ހުށަހެޅި ހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށެވެ.

މީގެ ސަބަބުވެސް އީސީން ހާމަކޮށްފައިވެއެވެ. ސަބަބެއްކަމަށް ވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަކީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ބާރަ މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވުމެވެ.

ފޯމު ހުށަހެޅުމަށް އީސީގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔާމީންގެ ފަރާތްޕުޅުން ފޯމު ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލެވެ.

އީސީގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ރަސްމިއްޔާތުގައި ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިދާރީ ގޮތުން ފޯމުގައި ފުރިހަމަވާންޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަވޭތޯ ބެލުމަށްފަހު ކޮމިޝަނުން ނިންމާ ގޮތް 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން އެ ގޮތް އަންގާނެ ކަމަށެވެ.

ކެންޑިޑެންސީ ފޯމު ބަލައިނުގަތުމުގެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ގާނޫނުން ޔާމީނަށް ލިބިދެއެވެ. އަދި މިހާރު ޕީޕީއެމުން ދަނީ އެމައްސަލަ ސުޕްރީމްކޯޓަށް ލުމަށް މަސައްކަތް ކުރަމުންނެވެ.