ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ކެނޑިޑަސީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝައިން ނިންމި ނިންމުން، ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމިންގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށާއި، އިރާދުކުރެއްވިއްޔާ ޙައްގަށް ނަޞްރު ލިބިގެންދާނެކަމަށެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންރައީސް ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި ސޮއިކުރެއްވި ފޯމް އީސީ އަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.

އެހެންނަމަވެސް، އިލެކްޝަނުން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޮތީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް (11 އަހަރުގެ ހުކުމް) އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން އީސީއަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫން ކަމަށް ޕީޕީއެމްއިން ބުނެފައިވާއިރު، އީސީން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ، ރައީސް ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ޤާނޫނު އަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ރައީސް ޔާމީން ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ޤަބޫލު ކުރެވެން ނެތް ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.