ސްޓެލްކޯގެ ޚިދުމަތްތައް ގުޅިފައިވަނީ އާންމު ރައްޔިތުންނާއެވެ. އެކުންފުނީގެ ސައުވީސްގަޑިއިރަށް ފޯރުކޮށްދެމުން ގެންދާ ކަރަންޓު ޚިދުމަތުގެ ސަބަބުން އެތައް ގުނައެއް ފަސޭހަވެގެންދެއެވެ. ޚާއްސަކޮށް އިގްތިސާދީ ކުރިއެރުމާއެވެ.

އެކުންފުނީގެ ޚިދުމަތް ހަގީގަތުގައި ވެސް އާންމު ރައްޔިތުންނާއި ވިޔަފާރިތަކާ ގުޅުވައިދެއެވެ. ކަރަންޓުގެ ސަބަބުން އިގްތިސާދީ މަސައްކަތްތައް ކުރުމަށް ދުވާލުގެ އިތުރުން ރޭގަނޑުވެސް ލިބެއެވެ. މަސައްކަތް ކުރަން ލިބޭ ވަގުތު އިތުރުވާވާރަކަށް އުފެއްދުންތެރިކަން ޑަބަލްވެގެންދެއެވެ. އޭގެ ނަތީޖާއަކީ ލިބޭ އާމްދަނީ އިތުރުވުމެވެ.

ސްޓެލްކޯއިން ވަރަށް ފަހުން މިވަނީ ވ. ތިނަދޫގައި އައު އިންޖީނުގެއެއް ބިނާކޮށްފައެވެ. އެއީ އެރަށުގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި އެކުންފުނީގެ ދައުރު ބޮޑުކަމަށް ދެކިގެން ބިނާކުރި އިންޖީނުގެއެކެވެ. ކުރީގެ ބައު އިންޖީނުގެއަކީ ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމުގައިވެސް ދަތިތަކެއް ހުރިތަނެކެވެ. އެހެން ކަމުން އައު އިންޖީނުގެއެއް އެޅުމަށް ނިންމާ، އެ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ގައެވެ.

މިއީ ބައު އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް، ތިނަދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެވަޑައިގެންނެވި، ވައުދާ އެއްގޮތަށް އެރަށުގައި ބިނާކުރި އެންމެ ޒަމާނީ އިންޖީނުގެއެކެވެ. އެއީ އަޑުމަޑު ރައްޔިތުންނަށް އުނދަގޫނުވާނޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

ތިނަދޫ އައު އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ. މީގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އައު އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

"ތިނަދޫ އައު އިންޖީނުގެއަކީ، ތިނަދޫގައި ކުރިން ކަރަންޓުގެ ހިދުމަތްދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އިންޖީނުގެ ދުމާއި، އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި، އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް އަދި ފަތުރުވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިއުމާއި ގުޅިގެން، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅާފައިވާ އިންޖީނުގެއެއް،" ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

ތިނަދޫ އިންޖީނުގެ ހިންގަން ސަރުކާރުން ހަވާލުވީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކުގައެވެ. އެއީ ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެއެވެ. "މިކުންފުނިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެއް. އެހެން ނަމަވެސް، މިއަދު އަލަށް ރަސްމީކޮށް ހުޅުވުނު އިންޖީނުގެ ހުޅުވުމާއި ހަމަޔަށްވެސް، ބައު އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް މިކުންފުނިން ވާނީ ފޯރުކޮށްދީފައި،" ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

އެރަށުގެ އައުއިންޖީނުގެ ހުޅުވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.