އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތް މަސައްކަތް ނިންމާލައިފި ކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތް ފެށިފައިވަނީ ރޭގެ ވަގުތެއްގައިކަމަށާއި އަދި އެ މަސައްކަތް ނިންމާލެވިފައިވަނީ މިއަދުކަމަށެވެ.

މީގެ އިތުރުން އާރްޑީސީން ބުނީ އެކުންފުނިން މީހާރު މަސައްކަތް ކުރަމުންދަނީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިހާރު ތާރު އަޅާފައިވާ ބައި އާންމުންނަށް ހުޅުވާލުމަށްކަމަށެވެ.

އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރަމުންދާތީ، އެ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ވަނީ މި މަހުގެ ކުރީކޮޅު ފަށާފައެވެ.

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ އެއްބަސް ވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދެމެދު އެއްބަސްވުމުގައި ސޮއި ކުރެވުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.